މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު ވެސް، މިނިވަން މުއައްސަސާތައް އޮތީ އެ މައްސަލަތައް ބަލަން ބިރުގަނެ ބުރެކި ޖެހިފައި ކަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި "ފެހި ސިގްނަލް"ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން 2023 ވަނަ އަހަރު ސަރުކާރު ބަދަލުކުރީ ނުހަނު އުއްމީދާއެކު ކަމަށެވެ. ނަމަވެސް ސަރުކާރަށް 3 އަހަރުވަމުންދާއިރު ވެސް ރައްޔިތުންނަށް އެއްވެސް ހެޔޮ، ފައިދާހުރި ކަމެއް ވެފައި ނެތުމުން މިއަދު ރައްޔިތުން ތިބީ ނާއުއްމީދުވެފައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ކުލަކުލައިގެ ސިގްނަލް ދެއްވި ކަމަށާއި، އެހެން ނަމަވެސް މިއަދު އެންމެ ކުޑަމިނުން ގަވަނަންސްގައި ވެސް ފެހިކަމެއް ނެތި ސަރުކާރު ފެއިލްވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން، މިނިވަން މުއައްސަސާތަކުގެ ވެރިންނަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް ވަކި ކޯޓެއް ފަހައި، ލައްވާފައި ތިބި ބައެއްގެ ގޮތުގައި ސިފަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ވަޒީފާގެ ބިރަށްޓަކައި އެ މުއައްސަސާތަކުގެ ވެރިން ތިބީ ހައްގުގެ މަގުގައި ގުޑިލަން ވެސް ނުކެރިފައި ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒަކީ ގާނޫނުއަސާސީ ބޮލާލައި ޖެއްސެވި ފުރަތަމަ ރައީސް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އަކީ ސިޔާސީ ފިކުރުން އެއްކިބާވެފައި އޮންނަ ތަނެއްގެ ގޮތުގައި އޮތް އޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ކަހާލާފައިވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.






