ޕީއެންއެފްގެ "ފެހި ސިގްނަލް" ޖަލްސާ މިރޭ އާޓިފިޝަލް ބީޗުގައި ބާއްވަނީ

ޕީއެންއެފްގެ "ފެހި ސިގްނަލް" ޖަލްސާ މިރޭ އާޓިފިޝަލް ބީޗުގައި ބާއްވަނީ

ރާއްޖެ މިހާރު އޮތީ އިގްތިސޯދީ ބޮޑު ކާރިސާއެއްގެ ތެރޭގައި ކަމަށް ބުނެ، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން މާދަމާރޭ މާލޭގައި ޚާއްސަ ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

'ފެހި ސިގްނަލް’ގެ ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ މާދަމާ، ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. މި ޖަލްސާގައި އެ ޕާޓީގެ އިސް ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޕީއެންއެފުން ހާމަކުރި ގޮތުގައި މިފަދަ ޖަލްސާއެއް ބޭއްވުމަށް ނިންމީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށަށް ގޮސް، އާންމު ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާތީއެވެ. އެގޮތުން، ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، އާންމު ރައްޔިތުން ބަނޑަށްޖެހުމުގެ ބިރު ހީވެފައިވާ ކަމަށާއި، ކުދި އަދި މެދު ފަންތީގެ އެތައް ވިޔަފާރިއެއް ބަނގުރޫޓުވަމުންދާ ކަމުގެ ކަންބޮޑުވުން އެ ޕާޓީން ވަނީ ފާޅުކޮށްފައެވެ.

މީގެއިތުރުން، ސަރުކާރުން ޑޮލަރުގެ ސިޔާސަތަށް ގެނައި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓްތަކަށާއި ބޭރުގެ އިންވެސްޓަރުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށްވެސް އެ ޕާޓީން ފާހަގަކުރެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއާ މެދު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލެމުންދާ ކަމަށްވެސް ޕީއެންއެފުން ބުނެއެވެ.

ޕީއެންއެފުން ބުނީ މި ޖަލްސާގައި، މިހާރު ކުރިމަތިވެފައިވާ އިގްތިސޯދީ ދަތި ހާލަތުން ގައުމު ސަލާމަތްކުރާނެ ގޮތުގެ ހައްލުތަކާއި، ގައުމުގެ ކުރިމަގަށް އޮތް އުއްމީދާއި ދިރުމަކީ ކޮބައިކަން ކުރީގެ ރައީސް ޔާމީން ރައްޔިތުންނަށް ތަފްސީލުކޮށް ވިދާޅުވެދެއްވާނެ ކަމަށެވެ. އެހެންކަމުން، ގައުމުގެ ހާލަތާ މެދު ކަންބޮޑުވާ ވީހާވެސް ގިނަ ރައްޔިތުން މާދަމާރޭގެ ޖަލްސާގައި ބައިވެރިވުމަށް އެ ޕާޓީން ވަނީ ދައުވަތު އަރުވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *