ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައި، ނާސަރީ އެޅުމަށް އިތުރު 10 ރަށަކަށް މާލީ އެހީދީފިއެވެ.
މިކަމަށްޓަކައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެހީ ލިބުނު ރަށްރަށުގެ ކައުންސިލްތަކާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
ނާސަރީ އެޅުމަށް މާލީ އެހީ ދީފައިވާ ރަށްތަކުގެ ތެރޭގައި ހދ. ނޮޅިވަރަން، ކ. ހިންމަފުށި، އދ. ދިއްދޫ، ފ. ދަނރަބޫދޫ، ދ. މީދޫ، ލ. ފޮނަދޫ، ލ. ހިތަދޫ، ގދ. ވާދޫ، ފުވައްމުލަށް ސިޓީ، އަދި ސ. މީދޫ ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވީ، ފަސް މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިއަހަރުގެ ތެރޭގައި 1 މިލިޔަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އަމާޒު، މިއަހަރު ނިމުމުގެ ކުރިން ފުރިހަމައަށް ހާސިލްވާނެ ކަމަށެވެ. ވަޒީރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް 6 ލައްކަ ގަސް އިންދާފައިވާ ކަމަށާއި، މިއާއެކު މިހާތަނަށް މުޅި ރާއްޖޭގައި 1.8 މިލިޔަން ގަސް އިންދާފައިވާ ކަމަށެވެ.
"މީގަ އަޅުގަނޑުމެން އިސްކަންދީފައިވާނީ ހަމައެކަނި ގަސް އިންދުމަކަށް ނޫން. މޭވާ އަޅާ ގަސްތައް އިންދުމަށް ލިބޭ މިންވަރަކުން އިސްކަންދެން. އަދި މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ނާސަރީތައް ދީފައިވަނީ ވަކި ކްރައިޓީރިއާތަކެއް ހަމަވާ ރަށްރަށުގައި. އެކަމަށް އެއްބާރުލުންދޭ ކައުންސިލަކާއެކު ކްރައިޓީރިއަރ ހަމަވާ ރަށްރަށުގައި ކުރިއަށްދާ ޕްރޮގްރާމެއްމީ. ބޭނުންވަނީ ސަސްޓެއިނަބަލް ގޮތަކަށް ކުރިއަށް އޮތްތަނުގައި ކުރިއަށްގެންދަން،" ވަޒީރު އަލީ ޝަރީފް ވިދާޅުވިއެވެ.
މި ރަށްރަށުގައި ޤާއިމުކުރާ ނާސަރީތަކުން އުފައްދާ ގަސްތައް ކައިރި އެހެން ސަރަހައްދުތަކާއި ރަށްރަށަށް ފޮނުވައިގެން އިންދުމަށް ވަނީ ހަމަޖެހިފައެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ މި ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ އަދި ނުރައްކަލަށް ހުށަހެޅިފައިވާ ގަސްގަހާގެހި އަލުން އާލާކުރުމަށާއި، ރަށްރަށުގެ ފެހިކަން އިތުރުކޮށް ތިމާވެށްޓާއި މާހައުލީ ނިޒާމު ދެމެހެއްޓުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ މުހިންމު ވަޢުދުފުޅެކެވެ. މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުއެވެ.





