އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލައި މި ސަރުކާރުން އިގްތިސާދުގެ މައިބަދަ ބިންދާލައިފި: ޝާހިދު

އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލައި މި ސަރުކާރުން އިގްތިސާދުގެ މައިބަދަ ބިންދާލައިފި: ޝާހިދު

ރާއްޖޭގެ އިގްތިސާދުގެ މައި ބަދައަކީ ފަތުރުވެރިކަން ކަމަށާއި، މިހާރުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދުގެ މައި ބަދަ ބިންދާލައިފި ކަމަށް އެމްޑީީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު މިއަދު ވިދާޅުވީ، އެމަނިކުފާނު މި ސަރުކާރަށް ކުރައްވާ އިލްތިމާސްއަކީ ފަތުރުވެރިކަމުގެ ދާއިރާގެ މީހުން އަޑު އަހައިގެން ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ.

"މި ސަރުކާރަށް އަޅުގަޑު ކުރާ އިލްތިމާސަކީ ޓުއަރިޒަމް އިންޑަސްޓްރީގެ އަޑު އެއްސެވުން. ސިޔާސަތު މުރަނަ ނުކުރެއްވުން. އިގްތިސާދު ހަމަމަގަށް އެޅުވޭނީ އިންޑަސްޓްރީގެ އަޑު އަހައިގެން. މިރާއްޖޭގެ އިގްތިސާދު ފުނޑިގެން ދިއުމަކީ އަޅުގަޑުމެން އެއްވެސް މީހެއްގެ މަސްލަހަތު އޮތްކަމެއް ނޫން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އިގްތިސާދީ ކަންކަމަކީ ޖަޒްބާތުގައި ކަންކަން ނިންމައިގެން ހައްލު ކުރެވޭނެ ކަމެއްނޫން ކަމަށެވެ.

ޓުއަރިޒަމް އިންޑަސްޓްރީއަކީ އިގްތިސާދުގެ މައިބަދަ. އިވެސްޓަރުންގެ އިތުބާރު ގެއްލުވާލާ، މި ސަރުކާރުން ވަނީ އިގްތިސާދުގެ މައިބަދަ ބިންދާލާފައި" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ފަތުރުވެރިކަމަކީ ދިވެހި އިގްތިސާދުގެ ރަން ބިސް އަޅާ ކުކުޅު ކަމަށާއި، ނަމަވެސް މި ސަރުކާރުން ދިވެހިންގެ ރަން ބިސް އަޅާ ކުކުޅުގެ "ބަނޑު ފަޅާލައިފި" ކަމަށެވެ.

"ފަތުރުވެރިކަމުގެ މުޅި ސިނާޢަތް ހަލާކު ކޮށްލުމުން އޭގެ އަސަރު ރާއްޖޭގެ ހުރިހާ އާއިލާތަކަށްވެސް ކުރާނެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ވެގެން އުޅޭގޮތަކީ ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުން ކަމަށެވެ. އަދި ރައްޔިތުންގެ ބޭނުންތަކަށް ނުވިސްނައި، ރާއްޖެއަށް ލިބޭ ޑޮލަރު އެހެން ކަންކަމަށް ޚަރަދު ކުރުން ކަމަށެވެ.

"ދައުލަތަށް ލިބޭ ބޭރުފައިސާ ޚަރަދު މި ކުރައްވަނީ ޗާލާކީ ކަންކަމަށް" ޝާހިދު ވިދާޅުވިއެވެ.

"ސަރުކާރަށް މިލިބޭހާ ޑޮލަރެއް މި ޚަރަދު ކުރަނީ ބޮޑެތި ފަޅު ހިއްކަން، ނުވަތަ ޑްރޯން ގަންނަން، ނުވަތަ ބަރު ހަތިޔާރު ގަންނަން، ނުވަތަ ހަވާ އަރުވަން. ރައްޔިތު މީހާގެ ބޭނުންތަކާމެދު މިސަރުކާރުން ނުވިސްނާ" ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *