ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމުގެ ޕްރައިމަރީއަށް ނުކުމެވަޑައިގަންނަވަން ނިންމެވީ، 2023 ގެ ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވި ހިސާބުން، 2028 ގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވަން ގިނަބަަޔަކު އެދެމުން ދާތީ ކަމަށް އެމްޑީީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ހެނދުނު ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އެމަނިކުފާނަކީ ސަރުކާރުގައި އެމްޑީޕީ އޮތްއިރުވެސް އަދި އިދިކޮޅުގައި އެމްޑީޕީ އޮންނައިރުވެސް ކުރީ ސަފުގައި މަސައްކަތް ކުރައްވައި، ނަތީޖާ ދައްކަވާފައި ހުންނެވި ބޭފުޅެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ނުކުމެވަޑައިގެންނެވި ނަމަވެސް، ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ އެއްވެސް ކެންޑިޑޭޓަކީ އެމަނިކުފާނގެ އިދިކޮޅު ކެންޑިޑޭޓެއް ނޫން ކަމަށެވެ. އިދިކޮޅު ފަރާތަކީ މި ސަރުކާރު ކަމަށެވެ. އަދި ޕާޓީގެ ހުރިހާ މެމްބަރުންނަށްވެސް އެމަނިކުފާނު ކުރެއްވި އިލްތިމާސްއަކީ، ޕްރައިމަރީގެ ވާދަވެރިކަމުގައި ގާތްނުވެވޭ ވަރަށް ދުރުނުވުމަށެވެ.
"މި ވާދަވެރި ޕްރައިމަރީ ވާދަވެރި އެއްވެސް ބޭފުޅަކީ އަޅުގަޑުގެ އިދިކޮޅު ފަރާތެއް ނޫން. އެއީ އަޅުގަޑުގެ ވާދަވެރި ފަރާތް. އަޅުގަޑާ އިދިކޮޅު ފަރާތަކީ މި ސަރުކާރު" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވަނީ މި ސަރުކާރު ފާލުން ނެއްޓިފައިވާތީ ފުދުންތެރި ރާއްޖެއެއް ދިވެހިންނަށް ހޯދައިދެއްވުމަށް ކަމަށެވެ.
"އަޅުގަޑުމެން އެންމެގެ އެބައޮތް މާ މާތް މަގުސަދެއް. އެއީ މި ރާއްޖެ ފުދުންތެރި ރާއްޖެއަކަށް ހަދާ ދިނުން. ރައްޔިތުން މީހާއަށް ހެޔޮ ގޮތް ހޯދާ ދިނުން" ޝާހިދު ވިދާޅުވިއެވެ.
"އަޅުގަޑު އައްޑޫ ސިޓީގަ، ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާނެކަން އިއުލާން ކުރުމުން، ވަރަށްގިނަ ރައްޔިތުން ގުޅުއްވާފަ، އެބަ ވިދާޅުވޭ އެއީ ރަގަޅު ނިންމުމެއް ކަމަށް. ރައްޔިތުން ތިބީ މި ސަރުކާރު ބަދަލު ކުރުމަށް ކެތް މަދުވެފައި" ޝާހިދު ވިދާޅުވިއެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ޝާހިދު އިއުލާން ކުރެއްވީ ދާދިފަހުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައެވެ. ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވައި ކެމްޕޭން ވަރުގަދަ ކުރައްވާފައެވެ.






