ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާން ކުރައްވާފައިވާ އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، އައްޑޫ ސިޓީއަށް ކުރެއްވި ހަތަރު ދުވަހުގެ ކާމިޔާބު ކެމްޕޭން ދަތުރުފުޅަކަށްފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.
ޝާހިދު ވިދާޅުވީ، މި ދަތުރުފުޅުގައި އެމްޑީޕީ އައްޑޫ ދާއިރާގެ ފަރާތުން ދެއްވި ތަރުޙީބަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެ ރައްޔިތުންގެ އަޑު އައްސަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، އައްޑޫ ރައްޔިތުންނަށާއި މުޅި ރާއްޖެއަށް އިޖުތިމާޢީ އަދި އިޤްތިޞާދީ އައު ތަރައްޤީއެއް ގެނެސް ދެއްވާނެ ކަމަށެވެ. އެންމެން ގުޅިގެން ހާމަކަން ބޮޑު ސިޔާސަތުތަކަކާއި، މިނިވަން އަދި އިންޞާފުވެރި ނިޒާމެއްގެ ތެރެއިން އައްޑޫ ސިޓީގެ ރައްޔިތުންނަށާއި މުޅި ދިވެހިރާއްޖެއަށް އިޖުތިމާޢީ އަދި އިޤްތިޞާދީ އައު ފަތިހެއް ގެނެސްދެއްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް ކުރެއްވި ހަތަރު ދުވަހުގެ ކެމްޕޭން ދަތުރުފުޅުގައި ޝާހިދު ވަނީ އެ ސިޓީގެ ރަށްތަކަށް ވަޑައިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާ ބައްދަލު ކުރައްވައި އެކި ކަންކަމުގައި ޚިޔާލު ހޯއްދަވާފައެވެ.






