އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫން އެމަނިކުފާނަށާއި އެމަނިކުފާނުގެ ޓީމަށް ދެއްކި ލޯތްބާއި ދިން ތާއީދުގެ ސަބަބުން ބޮޑު ހިތްވަރެއް ލިބިވަޑައިގެންފި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ހުޅުދޫ އަދި މީދޫގެ ޕާޓީ މެންބަރުންގެ ފަރާތުން ފެނިގެންދިޔަ ތަރުހީބާއި އެއްބާރުލުމާމެދު ވަރަށް ބޮޑަށް ހިތްވަރު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މިހާރު އައްޑޫ ސިޓީގައި އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށްވެސް ފާހަގަ ކުރެއްވިއެވެ. މާތް ﷲ ގެ ވާގިފުޅާއެކު މި މަސައްކަތުގައި ކާމިޔާބީ ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ޝާހިދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ އެކި ރަށްރަށުން އެމަނިކުފާނަށް ދަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔަމުންނެވެ.





