އައްޑޫ ސިޓީން ލިބެމުންދާ ތާއީދާއި ލޯތްބަށް ޝާހިދުގެ ޝުކުރު

އައްޑޫ ސިޓީން ލިބެމުންދާ ތާއީދާއި ލޯތްބަށް ޝާހިދުގެ ޝުކުރު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަން އިއުލާނު ކުރެއްވުމަށްފަހު، އައްޑޫ ސިޓީގެ އެކި ރަށްރަށަށް ވަޑައިގަތުމުން، އެ ސިޓީގެ ރައްޔިތުންގެ ކިބައިން ލިބެމުންދާ ތާއީދާއި ލޯތްބަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.

އައްޑޫ ސިޓީގެ އެކި ރަށްރަށުގައި ދޮރުން ދޮރަށް ވަޑައިގެން އަދި ވަކިވަކިން އެކި ފަރާތްތަކާއެކު ބައްދަލު ކުރައްވަމުން ގެންދަވަމުން ޝާހިދު ވިދާޅުވީ އެމަނިކުފާނު އެކުލަވާ ސަރުކާރެއްގައި މުޅި އައްޑޫ ސިޓީ އާއި މުޅި ދެކުނުގެ މުސްތަގްބަލް ބަދަލުކޮށްލަ ދެއްވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ސުރުޚީއެއްގެ ގޮތުގައި އޮންނަ އައްޑޫ ތަރައްޤީ އަދި މުޅި ދެކުނުގެ މުސްތަޤްބަލު، އިރާދަކުރެއްވިއްޔާ ބަދަލު ކޮށްލާނީ ރައްޔިތުން ދެއްވާ ޚިޔާލާއި މަޝްވަރާ އަދި ފަންނީ ލަފަޔާއެކު ކުރެވޭ ހިތްވަރުގަދަ މަސައްކަތުން ކަމަށެވެ.

"އިރާދަފުޅުން އަޅުގަނޑު ޑެލިވަރކޮށްދޭނީ ކަންކުރާނެ، ހައްލު ހޯދާނެ، ނަތީޖާ ނެރޭނެ ތަޖުރިބާކާރު ސަރުކާރެއް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ އިއްްޔެ އާއި މިއަދުވެސް އައްޑޫގެ އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެކިކަންކަމާމެދު މަޝްވަރާ ކުރައްވާފައެވެ. އައްޑޫގެ ބަޔެއް ރަށްރަށުގައި އެމަނިކުފާނު ވަނީ ދޮރުން ދޮރަށް ހިންގަވައި ގިނަބަޔަކާ ބައްދަލު ކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި އެ ޕާޓީގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު، '#Shahid2028′ ގެ ނަމުގައި އެމަނިކުފާނުގެ ކެމްޕޭން ރަސްމީކޮށް ލޯންޗު ކުރެއްވީ އައްޑޫ ސިޓީގައެވެ. މި ދަތުރުފުޅުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުންނާއި ހުޅުމީދޫން ޝާހިދަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *