ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހަމަހޭގައި ހުންނަވައިގެން ވާހަކަފުޅު ދައްކަވާނަމަ، އަބަދުވެސް ދައްކަވާނީ ހެޔޮ ވާހަކަފުޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވެ ރައްދު ދެއްވީ، ވެރިކަމަށް ގެނައުމަށްޓަކައި އިދިކޮޅު އެމްޑީޕީގެ މައްޗަށް އަދިވެސް އަދި އަބަދުވެސް އިހުތިޔާރު ކުރައްވާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ ޕީއެންއެފްއިން އެންމެ ފަހުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ކަންކަން ކުރެއްވި ގޮތް މިހާރުގެ ސަރުކާރާ އަޅާބަލާއިރު މާ ބޮޑަށް ވެސް ގޯސް ކަމަށެވެ. އަދި ދެ ފަހަރު މަތިން އެމްޑީޕީއަށް ވެރިކަން ލިބުނުއިރު، "އެހާ އަނިޔާވެރި، އެހާ ރައްޔިތުންނަށް ދުއްޕާންކުރި ބަޔަކު" ރާއްޖޭގެ ވެރިކަމަށް އަދި މިހާތަނަށް ނާންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮންމެ ގޮތެއް ހަދާފައިވެސް އެމްޑީޕީގެ މައްޗަށް އިހުތިޔާރު ކުރައްވާނީ ރައީސް މުޢިއްޒު ކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އަދިވެސް އެނީ ޓައިމް އޮފް ދަ ޑޭ، އެނީ ޓައިމް އޮފް ދަ އިޔާ، އަޅުގަނޑު އިހުތިޔާރު ކުރާނީ މުޢިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.
މި ވާހަކަތަކާ ގުޅިގެން ޝުޖާއު ވިދާޅުވީ، ރައީސް ޔާމީނާ ދޭތެރޭ އަދިވެސް އޯގާތެރިކޮށް ހިއްތަވާނީ ރައީސް މުޢިއްޒުކަން އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ކައިރީގައި ތިއްބަވައިގެން ސިޔާސީ ހަސަދަވެރިކަމާއި ޒާތީ ވިސްނުން ލައިދެނީ "މިއުޅޭ ބޮނޑިބަތް ގުރޫޕް" ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ. ޝުޖާއު އެ ޢިޝާރާތް ކުރެއްވީ ރައީސް ޔާމީނުގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލުއާއި އޭނާގެ ޓީމަށް ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ، ރައީސް ޔާމީނަށް އެންމެ މޮޅު އިތުރު ގޮތަކަށް ވާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރެއްވުން ކަމަށެވެ. އަދި އެމްޑީޕީގެ "ނުބައި ނުލަފާ ވިސްނުމުން" މި ގައުމު ސަލާމަތްކުރުމަށް ރައީސް މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަށް ތާއީދު ކުރެއްވުމަކީ ރައީސް ޔާމީނަށް އޮތް އެންމެ ރަނގަޅު މަގު ކަމުގައި ވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި މިވަނީ، މި ސަރުކާރާ ދެކޮޅަށް ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި އިބްރާހިމް މުޙައްމަދު ޞާލިޙާއެކު މަސައްކަތް ކުރެއްވުމަށްވެސް އިއްތިހާދުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީން އެމްޑީޕީއަށް މިހާ ބޮޑަށް ފާޑުވިދާޅުވީ، އެމްޑީޕީން ނަޝީދު އިސްވެހުރެ، ގެންނަން މަސައްކަތްކުރާ "ބޮޑު ބަދަލާ" ދެކޮޅު ހައްދަވައި ދެއްކެވި ވާހަކަފުޅުގައެވެ.





