ފާޚާނާގައި ބޭނުންކުރާ ޓިޝޫއަށްވުރެވެސް ދިވެހި ރުފިޔާގެ އަގު މިހާރު ދަށްވެއްޖެ: ޔާމީން

ފާޚާނާގައި ބޭނުންކުރާ ޓިޝޫއަށްވުރެވެސް ދިވެހި ރުފިޔާގެ އަގު މިހާރު ދަށްވެއްޖެ: ޔާމީން

މިއަދު ދިވެހިރާއްޖޭގެ ބާޒާރުގައި ދިވެހި ރުފިޔާގެ އަގު ހުރި މިންވަރަށް ބަލާއިރު، ފާޚާނާގައި ބޭނުންކުރާ ޓޮއިލެޓް ޕޭޕަރު ޓިޝޫ ވުރެވެސް ރުފިޔާގެ އަގު ދަށްވެފައިވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީންގެ އަމިއްލަފުޅު ޕާޓީ، ޕީޕަލް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހި ރުފިޔާގެ އަގު އެހާ ބޮޑަށް ދަށަށް ގޮސްފައިވުމުން އެއްވެސް މީހަކު މިއަދު ރުފިޔާ ރައްކާކޮށްފައި ބަހައްޓަން ބޭނުންނުވާ ކަމަށެވެ.

"އަޅުގަނޑުމެން ކަންބޮޑުވަނީ ދިވެހި ރުފިޔާއަކީ މިއަދު ފާޚާނާގައި ބަހައްޓާ ޓިޝޫއަށްވެސް ނުފުދޭތީ،" ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ ޑޮލަރުގެ އަގު މަތިވުމުން އެމަނިކުފާނު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި، އަސްލު މައްސަލައަކީ ޑޮލަރުގެ އަގު މައްޗަށް ދިއުން ނޫން ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މައްސަލައަކީ ދިވެހި ރުފިޔާގެ އަގު މާބޮޑަށް ވެއްޓުމެވެ. ރާއްޖޭގެ ޤާނޫނުގައި ރަސްމީ ފައިސާއަކީ ދިވެހި ރުފިޔާ ކަމަށް އޮތް ނަމަވެސް، ބޭންކުތަކުގައި ރުފިޔާ ސޭވިންގ އެކައުންޓުތައް ހަދައިގެން ރުފިޔާ ގެންގުޅެން ބޭނުންވާނީ ކޮން ބައެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

"މިއަދު ދިވެހި ރުފިޔާ އެއްވެސް މީހެއްގެ އަތުގައި ބަހައްޓާކަށް ބޭނުމެއްނުވޭ އިނގޭތޯ، އެއީ މި ސަރުކާރުގެ މިސްމެނޭޖުމެންޓުން މަޖުބޫރު ކުރުވި ކަންތައް،" ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވިއެވެ.

ޔާމީން ލަފާކުރެއްވި ގޮތުގައި ރުފިޔާގެ އަގު މިހާރު ވަނީ 100 އިންސައްތައިން 65 އިންސައްތައަށް ދަށްވެފައެވެ. އަދި މި މިޞްރާބަށް ކަންކަން ދާނަމަ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 25 ރުފިޔާއަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ޑޮލަރު ނުލިބުމުގެ މައްސަލައަށްވުރެ ބޮޑު ނުރައްކަލަކީ ދިވެހި ރުފިޔާގެ ބޭނުން އެއްކޮށް ކެނޑި، އާންމުން ރުފިޔާ ބޭނުން ކުރަން ބޭނުންނުވާ ހާލަތަކަށް ޤައުމު ދިއުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *