ކުޅުދުއްފުށި ސިޓީ ކައުންސިލާއި ފ. ބިލެއްދޫ ކައުންސިލާ ދެމެދު މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށާއި ތަޖުރިބާ ހިއްސާކުރުމަށްޓަކައި ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބިލެއްދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެ ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާކުރުމާއި، މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމެވެ. މި އެއްބަސްވުމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު މުހައްމަދު އާތިފް އެވެ. އަދި ބިލެއްދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް ޝާއިލް މާހިރު އެވެ.
މި ފަހުމުނާމާގެ ދަށުން ދެ ކައުންސިލްގެ މުވައްޒަފުން ތަޖުރިބާ ހާސިލްކުރުމަށްޓަކައި، ދެ އިދާރާގެ ދެމެދުގައި ވަގުތީގޮތުން މުވައްޒަފުން ބަދަލުކުރުމަށް (ސްޓާފް އެކްސްޗޭންޖް) ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ބިލެއްދޫ ކައުންސިލްގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ތަޖުރިބާގެ އަލީގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މި އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން ހިންގުމުގެ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހާސިލްކުރަމުންދާ ކައުންސިލަކަށް ވާއިރު، މި އެއްބަސްވުމުގެ ސަބަބުން ބިލެއްދޫ ކައުންސިލްގެ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މިއީ ރާއްޖޭގެ ކައުންސިލްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެއް އިދާރާއަކުން އަނެއް އިދާރާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.






