ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުއްވި ބަޔާނެއްގައި ވަނީ މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި ސަރަހައްދީ ނިންމުންތަކާ ޚިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ފުރިހަމަ ސާބިތުކަންމަތީގައި ތިބި ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވިއެވެ. އަދި ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ތާއީދުކުރާނެ ކަމުގެ ޔަގީންކަންވެސް އެ ވުޒާރާއިން ވަނީ ދީފައެވެ.
މީގެ އިތުރުން، ސަރަހައްދީ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށާއި، އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ޑިޕްލޮމެސީ އާއި މަޝްވަރާގެ އިސްކަންދިނުމުގެ މުހިންމުކަންވެސް ޚާރިޖީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖެއިން އަބަދުވެސް ގޮވާލަނީ ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް އިހުތިރާމް ކުރުމަށް ކަމަށްވެސް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.





