ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރަށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 373.6 މިލިއަން ރުފިޔާއެވެ. ނަމަވެސް ޖޫން 4 ގެ ނިޔަލަށް 393.6 މިލިއަން ރުފިޔާ ލިބި، އަންދާޒާއަށްވުރެ 5.3 އިންސައްތަ އިތުރުުވެފައިވެއެވެ.
ޖުމްލަ އާމްދަނީ ވެސް ވަނީ ރަނގަޅު ވެފައެވެ. މިމަހުގެ މިހާތަނަށް 19 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވީކްލީ ފިސްކަލް ރިޕޯޓުން ހާމަވެއެވެ. މިދިޔަ އަހަރުގެ މި މުުއްދަތުުގައި ލިބިފައިވަނީ 17.3 ބިލިއަން ރުފިޔާ ކަމަށްވާތީ، މިއީ 10 އިންސައްތައިގެ ކުރިއެރުމެކެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. ޓެކްސް އާމްދަނީ 13.2 ބިލިއަނުން 14.8 ބިލިއަން ރުފިޔާ އަށް، 12.4 އިންސައްތަ ކުރިއަރާފައިވެއެވެ. ޓީޖީއެސްޓީ 5 ބިލިއަނުން 6 ބިލިއަން ރުފިޔާ އަށާއި، ޖީއެސްޓީ 2.2 ބިލިއަނުން 2.5 ބިލިއަން ރުފިޔާ އަށް ވެސް ވަނީ އިތުރު ވެފައެވެ.






