އެމް.ޑީ.ޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި މީކާއީލް އަހުމަދު ނަސީމަށް ތާއީދުކުރާކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތައް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ދޮގުކުރައްވައިފިއެވެ.
މިކަމާ ގުޅިގެން މޭޔަރު އާތިފް މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މިހާރު ކުރިއަށްދާ އެމް.ޑީ.ޕީގެ އިންތިޚާބީ ކެމްޕޭނުގައި ވަކި ފަރާތަކަށް ތާއީދުކުރާކަން އެއްވެސް ސިފައެއްގައި މިހާތަނަށް ހާމަކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕޭން ހަރަކާތެއްގައި އޭނާ ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
"މިވަގުތު ކުރިއަށްދާ އެމް.ޑީ.ޕީގެ ޗެއަރޕާސަން އިންތިހާބުގެ ކެމްޕޭންގައި ވަކި ފަރާތަކަށް ތާއީދު ކުރާކަން މިހާތަނަށް އަޅުގަނޑު އެއްވެސް ގޮތަކުން ހާމަކޮށްފައި ނުވާނެ، އަދި އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕެއިންގައިވެސް ހަރަކާތްތެރި ނުވާ ވާހަކަ ވަރަށް އިހްތިރާމާއިއެކު ދަންނަވަން،" މޭޔަރުގެ ޕޯސްޓުގައި ބަޔާން ކުރައްވާފައިވެއެވެ.
މޭޔަރު މިފަދަ ބަޔާނެއް ނެރުއްވާފައި މިވަނީ، އެމް.ޑީ.ޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ބައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި އޭނާ ވަކި ކެނޑިޑޭޓަކަށް ތާއީދުކުރާ ކަމަށް ބުނެ ވާހަކަ ފެތުރެމުން ދަނިކޮށެވެ.
އާތިފަކީ އެމް.ޑީ.ޕީގެ ތެރޭގައި އަދި ކުޅުދުއްފުށި ސިޓީގައި ނުފޫޒުގަދަ ބޭފުޅަކަށް ވުމުން، އޭނާގެ ތާއީދު އޮތް ގޮތަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.





