ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށް، މ. ވެލަގަލި، ޑރ. މުޙައްމަދު މާހިދު ޝަރީފު ޢައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި މަގާމަށް މާހިދު ޢައްޔަން ކުރައްވާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އަދި މި މަގާމަށް މާހިދު އައްޔަން ކުރެއްވީ މިނިސްޓަރު ފެންވަރުގައި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ، ޑރ. މާހިދުގެ ބެއްލެވުމުގެ ދަށުން ރައީސް އޮފީހުގައި ހިންގުމަށް ހަމަޖެހިފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ، މި ސަރުކާރަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރެއްވި އޮފީހެއް ކަމަށެވެ. މި އޮފީސް ގާއިމު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން އިޢުލާން ކުރެއްވީ، މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާ ތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމު ކުރެވޭނެ ކަމަށެވެ.
މާހިދަކީ މީގެކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕަރމަނަންޓް ސެކްރެޓެރީކަމާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރކަން ވަނީ ފުރުއްވާފައެވެ. އަދި މި މަޤާމަށް ޢައްޔަން ކުރެއްވުމާއި ހަމައަށް މާހިދު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) ގެ މަޤާމުގައެވެ. މީގެއިތުރުން މާހިދަކީ ވޮލީބޯލް އެސޯސިއޭޝަން ހިންގެވުމުގައިވެސް ކުރިން އިސް ރޯލެއް އަދާކުރެއްވި ފަރާތެކެވެ.
ޑރ. މާހިދު ވަނީ ޑޮކްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައި، ޕަބްލިކް ސެކްޓަރ މެނޭޖްމަންޓްގެ ރޮނގުން މާސްޓަރސް ޑިގްރީ ހާސިލު ކުރައްވާފައެވެ.





