"ޑްރަގް ކެފޭ"އެއް ބަންދު ކުރަން ކޯޓު އަމުރެއް ނެރެފި

"ޑްރަގް ކެފޭ"އެއް ބަންދު ކުރަން ކޯޓު އަމުރެއް ނެރެފި

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އާ އިސްލާހުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަނެއް ނުވަތަ "ޑްރަގް ކެފޭ" އެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފި އެވެ. މިއީ މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ނެރުނު މިފަދަ ފުރަތަމަ އަމުރެވެ.

ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ މާލޭގެ ގެއެއް ކަމަށްވާ ހ. ގުންޒަރު ބަންދު ކުރުމަށެވެ. ފުލުހުން އެދިގެން ނެރުނު މި އަމުރުގައިވާ ގޮތުން، 2026 މެއި 5 އިން ފެށިގެން 90 ދުވަހުގެ މުއްދަތަށް އެ ތަން ބަންދުކުރަން ޖެހެ އެވެ.

ގާނޫނަށް ގެނައި އިސްލާހު

މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އެގޮތަށް ބަންދުކުރެވޭ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކޮށް އަމަލުކުރަން ފަށާފައިވަނީ 7 މާރިޗު 2026 ގަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ 5 އަހަރުގެ ޖަލު ހުކުމަކާއި ގިނަވެގެން 100,000 ރުފިޔާގެ ޖޫރިމަނާ ކަނޑައެޅިފައިވާ ކުށެކެވެ. މީގެ އިތުރުން، އެފަދަ ހިދުމަތެއް ދޭ ތަނެއްކަން އެނގޭ ހާލު އެކަން ހުއްދަކުރުން ނުވަތަ އެކަން ހިނގިޔަ ދިނުމަކީ އެ ތަނުގެ ވެރިފަރާތް، ކުއްޔަށް ހިފައިގެން އުޅޭ ފަރާތް، ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތުން ކުރާ ކުށެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ފުލުހުންގެ އިންޒާރު

ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ "މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ" ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *