ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން ހޮވުމާއި، ގައުމީ މަޖިލީހަށް މެމްބަރުން ހޮވުމުގެ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
އެކްސް ގައި މިރޭ ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް ނިންމެވީ، މިވަގުތު ޕާޓީގެ ރައީސް ކަމުގައި ހުންނަވައި އެތެރޭގެ އިންތިހާބު ތަކުގައި ވަކި ކޮޅެއް ނެންގެވުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ އުސޫލަކަށް ނުވާތީ ކަމަށެވެ.
"ޕާޓީގެ ރައީސްގެ ޙައިސިއްޔަތުން ޕާޓީގެ އެތެރޭގެ އިންތިޚާބު ތަކުގައި ވަކިކޮޅެއް ނެގުމަކީ އަޅުގަނޑު ޤަބޫލުކުރާ އުޞޫލެއް ނޫން." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ކުރިއަށް އޮތް ދާއިރާތަކާއި އެކި މަޤާމުތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނަށްް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މި އިންތިޚާބަކީ ޕާޓީގެ މެމްބަރުން އެކަތިގަނޑަކަށްވެ، 2028 ކާމިޔާބު ކުރުމަށް ޕާޓީއިން ކުރާ މަސައްކަތުގެ ފެށުމަކަށް ވާނެ." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ ޕާޓީގެ ވީހާވެސް ގިނަ މެމްބަރުން އެތެރޭގެ އިންތިޚާބުގައި ބައިވެރިވެ، ކެންޑިޑޭޓުންނަށް ވޯޓު ދިނުން ކަމަށެވެ.
"އެމްޑީޕީއަކީ ވޯޓުން އުފާވެރިކަން ހޯދާ ޕާޓީ." ޝާހިދު ވިދާޅުވި އެވެ.
އެތެރޭގެ އިންތިހާބުގައި ވަކި ބަޔަކަށް ތާއީދު ނުކުރައްވަން ޝާހިދު މިފަހަރު ނިންމެވިއިރު، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިހާބުގެ ޕްރައިމަރީގައިވެސް ޝާހިދު ނިންމެވީ ވަކި ބަޔަކަށް ތާއީދު ނުކުރައްވާށެވެ. އަދި ޓިކެޓް ކަށަވަރު ކުރި ހުރިހާ ކެންޑިޑޭޓުންގެ ކެމްޕޭނުގައިވެސް ފަހުން ބައިވެރިވެވަޑައިގެންނެވި އެވެ.





