ފިލްމީ ތަރި ނިއުމާ މުޙައްމަދަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަޒީފާއެއް ހަމަޖައްސައިދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދޮގު ވާހަކަތަކެއް ފެތުރުމުގެ ސަބަބުން އޭނާއަށް ބޯ ގޮވައި ހާސްވެއްޖެއެވެ.
ނިއުމާ ބުނީ އޭނާއަށް ވަޒީފާއެއް ލިބިފައިވާ ކަމަށް ސޯޝަލް މީޑިއާގައި އަތު ފެތުރުމާއެކު 1500 އަށްވުރެ ގިނަ ކޯލާއި 400 އަށްވުރެ ގިނަ މެސެޖު ލިބިފައިވާ ކަމަށެވެ.
މީހުން ގުޅައި މެސެޖު ކުރާވަރުން ފޯނު ނަންބަރުގެ ޚިދުމަތް ކަނޑާލަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.
ނިއުމާ ބުނީ މިކަމުގެ ޒިންމާ އެމްޓީސީސީގެ އިސްވެރިން ނަގަން ޖެހޭނެ ކަމަށާއި ޚަބަރު ފެތުރީ އެ ކުންފުނީގެ މުވައްޒަފެއް ކަމަށް ތުހުމަތުވާ ކަމަށެވެ.
އޭނާއަށް ވަޒީފާއެއް ނުލިބޭ ކަމަށާއި، 40،000 ރުފިޔާގެ މުސާރައެއް ލިބޭ ވަޒީފާއެއް ލިބުނު ކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ނިއުމާ ބުންޏެވެ.





