ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 2 ގެ ކުރިމަތިން ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭ ހާއްސަ ސަރަހައްދެއް ކަނޑައަޅައި، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ވިދާޅުވި ގޮތުގައި، ޓާމިނަލް 2 ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ ވެގެންދާނެ ގޮތަކަށް ޓްރެފިކް ފްލޯ ތަރުތީބުކޮށް، ބައެއް ބަދަލުތައް ގެނެވިފައިވާ ކަމަށެވެ.
އެ ބަދަލުތަކުގެ ތެރެއިން، ޓާމިނަލް 2 ގެ އެރައިވަލް ކުރިމަތިން ބުރާ ދެމެދު އޮންނަ ސަރަހައްދު ވަނީ ފަސިންޖަރުން ބޭލުމަށް ހާއްސަ ކުރެވިފައި، އެ ތަނުގައި ފަހަރަކު ހަތަރު ޓެކްސީ ޕާކު ކުރެވޭ ސްލޮޓްތައް ކަނޑައެޅިފައިވާ ކަމަށް އެމްއޭސީއެލް އިން ވިދާޅުވި އެވެ.
ހަމައެހެންމެ، ޑިޕާޗަރ ކުރިމަތިން ބުރާ ދެމެދު އޮންނަ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީ އަށް އެރުމަށް ހާއްސަ ކުރެވިފައިވާ ތަން ކަމަށާއި، ދެ ތަނެއްގައިވެސް ވަކި ސްލޮޓްތަކެއް ފާހަގަ ކުރެވިފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ. ޑިޕާޗަރ ސަރަހައްދުގައި ފަހަރަކު ފަސް ޓެކްސީ ޕާކު ކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ބަދަލާ ފަސިންޖަރުން އަހުލުވެރި ކުރުވައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށް، އެ ސަރަހައްދުތަކުގައި އެމްއޭސީއެލްގެ މުވައްޒަފުން ހަރަކާތްތެރިވަމުން ދާނެ ކަމަށްވެސް ވިދާޅުވި އެވެ.





