މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޕްރައިވެޓް ޖެޓުތަކުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %166 ވަނީ އިތުރުވެފައެވެ.
މި މުއްދަތުގައި ޖުމްލަ 128 ޖެޓު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ހަމަ މި ދުވަސްވަރު މިދިޔަ އަހަރު ޒިޔާރަތްކުރީ އެންމެ 70 ޖެޓެވެ. ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވެނީ، މި މަހުގެ 3 ވަނަ ދުވަހު އެކަނިވެސް 18 ޖެޓު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވުމެވެ.
ދުވާލަކަށް ބަލާއިރު، މިދިޔަ އަހަރު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައީ 5 ޕްރައިވެޓް ޖެޓު ކަމަށްވި ނަމަވެސް، މިއަހަރު އެ އަދަދު ވަނީ ދުވާލަކު 12 އަށްވުރެ ގިނައަށް އިތުރުވެފައެވެ.
ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު މިހާ ބޮޑަށް އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ކަމަށް މަޓާޓޯއިން މައުލޫމާތުދެ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން މުއްސަނދި ފަތުރުވެރިންނާއި ވިޔަފާވެރިން އެ ސަރަހައްދުގެ ބަދަލުގައި އަމާން މަންޒިލެއްގެ ގޮތުގައި ރާއްޖެ އިހްތިޔާރުކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ޕްރައިވެޓް ޖެޓުތައް ރާއްޖެ ގިނައިން ޒިޔާރަތް ކުރަން ފެށުމަކީ ރާއްޖޭގެ ފަތުުރުުވެރިކަމަށް، ހާއްސަކޮށް ހައި-އެންޑް ފަތުުރުުވެރިކަމަށް ލިބޭ ބޮޑު ކުުރިއެރުުމެކެވެ.





