އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނައިޖެލް ފަރާޖް، ޗާގޯސްއަށް ދަތުރުކުރުމަށް ރާއްޖެއަށް ވަޑައިގެން ހުންނެވިކަން އެނގުނީ އޭނާ ވީޑިއޯއެއް އާންމު ކުރެއްވުމުން ކަމަށް އިނގިރޭސި ސަރުކާރުން ހާމަކޮށްފިއެވެ.
ފަރާޖް ރާއްޖެ ވަޑައިގަތީ ޗާގޯސްގައި އަލުން ވަޒަންވެރިވުމަށް ކަނޑުމަގުން ދިއުމަށް މަސައްކަތްކުރާ ބަޔަކަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ސަމާނު ފޮނުވުމަށް އެހީތެރިވުމަށެވެ.
'ދަ ޓެލެގްރާފް' ނޫހަށް އޭނާ ދެއްވި އިންޓަވިއުއެއްގައި ތުހުމަތު ކުރައްވާފައިވާ ގޮތުގައި، އޭނާ ޗާގޯސްއަށް ދިޔުން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން ރާއްޖޭގައި އެދިފައިވާ ކަމަށް ދިވެހި ސަރުކާރުގެ އިސް ބޭފުޅަކު އޭނާއަށް ވަނީ އަންގަވާފައެވެ. ނަމަވެސް ދިވެހި ސަރުކާރުން ވަނީ މިކަން ދޮގުކޮށްފައެވެ.
'ދަ ގާޑިއަން' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަރާޖް ޗާގޯސްއަށް ވަޑައިގަތުމަށް އިނގިރޭސި ސަރުކާރުގައި ދުރާލައި އެދިވަޑައިގެންފައެއް ނުވެއެވެ. އަދި އޭނާ ރާއްޖޭގައި ހުންނެވިކަންވެސް އެނގުނީ، ދަތުރަށް ހުރަސްއެޅި ކަމަށް ބުނެ ވީޑިއޯ އާންމު ކުރުމުން ކަމަށް އިނގިރޭސި އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވެއެވެ.
މީގެ އިތުރުން، އިނގިރޭސިވިލާތުގެ ލޭބާ ޕާޓީން ވަނީ މިއީ ސިޔާސީ "ސްޓަންޓެއް" ކަމަށް ސިފަކޮށްފައެވެ. ގްރޭޓާ މެންޗެސްޓާގައި އޮތް ބައި-އިލެކްޝަނަކަށް ކެމްޕޭނު ކުރެއްވުމުގެ ބަދަލުގައި، ޕްރައިވެޓް ޖެޓެއްގައި 5،000 މޭލު ދަތުރުކުރައްވައި، އެންމެ ދުވަހަކަށް ރާއްޖެ ވަޑައިގަތީ އިނގިރޭސި ސަރުކާރަށް ފާޑުކިޔައި ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.
ޗާގޯސްގެ މައްސަލަ މޮރިޝަސް އިން 2018 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އަދި 2019 ވަނަ އަހަރުގެ އެ ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.





