އައްޑޫ ސިޓީގެ ރައްޔިތުންނަށް ސާފު ބޯފެން ނުލިބޭތާ 1 އަހަރު ވެއްޖެ ކަމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާ ތަކުން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް އެމްޑީީ އިން ރޭ އައްޑޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ފެނުގެ މައްސަލަ އެހާލަތުގައި އޮތްއިރު ކަރަންޓުގެ މައްސަލަވެސް އޮތީ އެފަދަ ޙާލަތެއްގައި ކަމަށެވެ.
"ފެން ނުލިބޭތާ ބަރާބަރު އެއް އަހަރު. ސާފު ބޯފެން ހިތަދޫގެ ރައްޔިތުންނަށް ކީއްކުރަން، މި އަތޮޅުގެ ރައްޔިތުންނަށްވެސް ނުލިބޭތާ 1 އަހަރު. ކަރަންޓު ކެނޑިދާނެ ވަގުތެއް އަޅުގަނޑުމެން އެކަކަށްވެސް އިހްސާސް ނުކުރެވޭ. މި ރަމަޞާން މަހު، ކުރިއަށް މިއޮތް ރަމަޞާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް. މިއީ އަޅުގަނޑުމެންނަށް ހެޔޮވާ މިންވަރުތޯ." ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އައްޑޫ ސިޓީގެ ރަށްތަކުގައި މިދިޔަ ތިން އަހަރު ތަރައްގީގެ މަޝްރޫއުތަކެއް ހިންގިފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ތަރައްގީގެ ކަމެއް ކިރިޔާވެސް އައްޑޫ ސިޓީއަށް އަންނަނީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށާއި، އެހެންވެ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ ގޮނޑިތައް އެމްޑީީއަށް ދޭންޖެހޭ ކަމަށެވެ.
ރޭގެ ޖަލްސާގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެމްޑީީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.




