އިދިކީލި ސިޔާސީ ފިކުރުގެ ސަބަބުން ތަރައްޤީގެ ދުވެއްޔަށް ހުރަސް ނޭޅޭނޭ ގޮތަކަށް ފަދަ ގޮތަކަށް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމުގެ ބާރު ރައްޔިތުންނަށް އެބައޮތް ކަމަށާއި އެގޮތަށް ކައުންސިލްތައް އިންތިޚާބު ކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލުތައް އިންތިޚާބު ކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް ބުނާ ބުނުމަކީ ގޯހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ، ތިން ބާރު ވަކިވެފައިވާއިރު، ކައުންސިލު ތަކަކީ، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށެވެ. އަދި ކައުންސިލް އިންތިޚާބުގައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަޤްޞަދުގައި ބަޔަކު އިންތިޚާބު ކުރެވިއްޖެނަމަ، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ހިނގާނީ މުނިސިޕަލް އަދި ތަރައްޤީގެ މަސައްކަތްތުގެ ބަދަލުގައި ސިޔާސީ މަސައްކަތް ތަކަށްކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ރާވާފައިވާ، އަދި ފަށާފައިވާ އަދި ބަޖެޓު ކޮށްފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުމަށްޓަކައި، ހުރިހާ ފެންވަރެއްގައިވެސް ރައްޔިތުންގެ މަންދޫބުންގެ އެއްބާރުލުން ބޭނުން ކަމަށެވެ. ތަރައްޤީއަށް މިހާރުވެސް ކުރައްވަމުން ގެންދަވާ އެކި މަސައްކަތްތަކާއި އިޖުތިމާޢީ މައްސަލަތައް ޙައްލު ކުރެއްވުމަށް އަޅުއްވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހުރަސްއެޅޭ ފަދަ ޢަމަލުތައް ބައެއް ކައުންސިލްތަކުން ހިންގުމުން، ބުރެކިޖެހި، މަޑުޖެހި ފަހަތަށް ޖެހެނީ ރައްޔިތުންގެ ތަރައްޤީކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް އިންތިޚާބަކީ، އިދިކީލި ސިޔާސީ ފިކުރުގެ ސަބަބުން ތަރައްޤީގެ ދުވެއްޔަށް ހުރަސް ނޭޅޭނޭ ފަދަ ގޮތަކަށް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ މަންސައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި ސަރުކާރަކީ، ފަރުދީ މަސްލަހަތަށްވުރެ، ޤައުމީ މަސްލަހަތު އިސްކުރާ، އަދި ރައްޔިތުންނާއެކު، ރައްޔިތުންގެ ފަޅީގައި މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ.




