އެޕަލް އައިފޯން 17 އާ ވާދަކުރަން ޗައިނާގެ ޓެކް ކުންފުނިން ޝައޯމީ 17 ނެރެފިއެވެ.
އެ ކުންފުނީގެ ސީއީއޯ ލެއި ޖުން ބުނީ އެޕަލްގެ އައިފޯން 17އާ ވާދަކުރަން ޝައޯމީ 17 ސީރީޒް ކުރީ ކަމަށެވެ. މި ފޯން ނެރުނީ އެކަމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ.
ޝައޯމީ 17 ސީރީޒްގައި ތިން މޮޑެލެއް ވެއެވެ. އެއީ ސްޓޭންޑަޑް 17، 17 ޕްރޯ އަދި 17 ޕްރޯ މެކްސް އެވެ. މި ފޯނުގެ އަގު އުޅެނީ 630 ޑޮލަރަށެވެ. އެންމެ ޕްރީމިއަމް މޮޑެލް ކަމަށްވާ 17 ޕްރޯ މެކްސްގެ އުޅެނީ ގާތްގަނޑަކަށް 840 ޑޮލަރަށެވެ.
އެ ކުންފުނިން ބުނީ މިހާރު އެ ތިން މޮޑެލްވެސް ޕްރީ އޯޑަރު ކުރެވޭނެ ކަމަށެވެ. ޝައޯމީން 17 ޕްރޯ އަދި ޕްރޯ މެކްސް ދައްކާލީ އެޕަލްގެ ފްލެގްޝިޕް ފޯނުތަކަށް ސީދާ ވާދަވެރިންގެ ގޮތުގައި، ބެޓަރީ ލައިފް، ޑިސްޕްލޭ އަދި ކެމެރާ ޕާފޯމަންސްގައި ތަފްސީލީ އަޅާކިޔުންތައް ހިންގައިގެންނެވެ. ދެ ޕްރޯ މޮޑެލްގައި ވެސް ފަހަތުގައި ދެވަނަ ޑިސްޕްލޭއެއް ހިމެނޭއިރު، މިއީ ވިއުފައިންޑާ، ވިޖެޓް ހަބް ނުވަތަ މީޑިއާ ކޮންޓްރޯލަރެއްގެ ގޮތުގައި ބޭނުންކުރަން ޑިޒައިންކޮށްފައިވާ އެއްޗެކެވެ.




