ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، "ވާނުވާ ބަންދު" ގެ މައްސަލަ ހައްލުނުކޮށް އޮތުމުން، އެކިއެކި މައްސަަލަތަކުގައި ވާނުވާ ބަންދުގައި އެތައް ބަޔަކު ތިބުމުގެ ސަބަބުން އާއިލާތަަކަށް ހިތްދަތިވުން ކުރިމަތި ވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ހެތްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހުގެ ތަޅުމަށް ހުށަހެޅި މި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަނުން އައްބާސް މިއަދު ވިދާޅުވީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކަންތައް ނުކުރެއްވުމުގެ ސަބަބުން އާއިލާތަކަށް ނިކަމެތި ވެފައިވާ ކަމަށެވެ.
"ވެރިކަމާ ހަވާލުވާ ހިސާބުން ވާނުވާގައި ތިބޭ މީހުންގެ ކަންތައް ނިމުމަކަށް އަންނާނެއޭ ބުނި، ރިޔާސީ އިންތިހާބުގައި ވައުދުވި، އަޅުގަނޑުމެން ދިވެހި ރައްޔިތުން އެކަން ޔަގީން ކުރިން. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން ވާނުވާގައި ޖަލުގެ ތޭރިތަކުގެ ތެރޭގައި އޮންނާކަށް،" އައްބާސް ވިދާޅުވި އެވެ.





