މިއަހަރު ނިމުމުގެ ކުރިން އައްޑޫ ސިޓީގެ، ޝަންގްރިއްލާ ރިސޯޓް އޮޕަރޭޝަނަށް ގެނެސް، ހުޅުވާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝަންގްރިއްލާ ބަންދު ކޮށްފައި ވަނީ ކޯވިޑާއި ގުޅިގެން 2020 ވަނަ އަހަރުއެވެ. ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގެ ގިނަ ބަޔަކު ވަޒީފާ އަދާ ކުރަމުން އައި ރިސޯޓެކެވެ.
މިނިސްޓަރު ވިދާޅުވީ، މިރިސޯތް ބަންދުކުރިއިރު 500 އަށްވުރެ ގިނަ މުވައްޒަފުން ދިޔައީ މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް އެތަން ބަންދު ކުރުމަށްފަހު، ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައިރު، އަލުން ރިސޯޓު ހުޅުވޭނެ ދުވަހަކަށް އައްޑޫގެ ގިނަ ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ.
ޝަންގްރިއްލާ ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދަފުޅުކެވެ.
މިނިސްޓަރު ތޯރިގު މިއަދު ވިދާޅުވީ ޑިސެމްބަރ 31 ގެ ކުރިން ޝަންގްރިއްލާ ރިސޯޓް ހުޅުވޭނެ ކަމަށެވެ. ރިސޯޓް ހުޅުވުމަށްޓަކައި މިހާރު ކުރަމުން ދަނީ އެ ތަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތް ކަމަށާއި، މުވައްޒަފުން ހޯދުން ފަދަ ކަންކަން މިއޮތް މުއްދަތުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޝަންގްރިއްލާ ބަންދު ކޮށްފައި އޮތް މުއްދަތުގެ ތެރޭގައި އެތަން ވަރަށް ރަނގަޅަށް ބަލަހައްޓާފައިވާކަން، އެތަނަށް ޒިޔާރަތް ކުރުމުން ފާހަގަވި ކަމަށެވެ. ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. މި ރިސޯޓުގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާ އަދި ދެ ޕްރެޒިޑެންޝަން ވިލާ ހިމެނެއެވެ.