ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތައް ނުދައްކައި، އެ ގައުމުތަކުގައި ސަލާން ޖަހައިގެން ލޯނުތައް ދަންމާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުން ރައްޔިތުން ނަމުގައި ނަގާފައި ހުރި އެތައް ބިލިއަން ރުފިޔާގެ ލޯނު ދެއްކުމުގެ ބަދަލުގައި އަނެއްކާވެސް ރައްޔިތުން ބޮލުގައި އިތުރު އިންޓްރެސްޓު އަރާ ގޮތަށް ދަރަނި ބޮޑުކޮށްގެން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެކި ގައުމުތަކުގައި ސަލާން ޖަހައިގެން ލޯނުތަށް ދަންމާލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެެއް ނޫން ކަމަށެވެ.
އައްބާސް މިހެން ވިދާޅުވިއިރު، ދާދިފަހުން ވަނީ އިންޑިއާއަށް ރާއްޖެއިން ދައްކަން އޮތް ލޯނުގެ ބޮޑު އަދަދެއް އަނެއްކާވެސް އެ ގައުމުން ފަސްކޮށްދީފައެވެ.
"ލޯނުގެ ގޮތުގައި ނަގާ އެއް މިލިއަން ރުފިޔާ ގެ ބަދަލުގައި ތިން މިލިއަން ރުފިޔާ ދައްކަން ޖެހުމަކީ ރައްޔިތުންގެ ޓެކުސް ފައިސާ އިސްރާފު ކުރުން ނޫނީ ނުވާނެ. ދައުލަތުގެ ބަޖެޓަކީ ނުވަތަ ޤައުމުގެ އިޤްތިސޯދަށް ވަންނަހާ ފައިސާއަކީ ރައީސް ޑރ. މުއިއްޒު ހިތުހުރިހާ ގޮތަކަށް ތަޅާ ބުރުވަން ހުންނަ ފައިސާ ކަމުގައި ދެކިގެން ނުވާނެ." އައްބާސް ވިދާޅުވިއެވެ.
އައްބާސް އިތުރަށް ވިދާޅުވި ގޮތުގައި، ކޮންމެ މިނިސްޓްރީ އަކަށް މިނިސްޓަރުގެ އިތުރުން މިނިސްޓަރު ފެންވަރުގެ އެޑްވައިޒަރެއް ލާފައި، ކޮންމެ މިނިސްޓްރީ އަކަށް 10 ސްޓޭޓް މިނިސްޓަރާއި، 15 ޑެޕިއުޓީ މިނިސްޓަރާއި، 10 އެސްޕީޑީ އަދި 15 ޕީޑީ ލައިގެން ސަރުކާރު ހިންގުމަކީ ރައީސް ޑރ. މުއިއްޒު ޤައުމަށް ޣައްދާރުވުން ނޫނީ ނުވާނެ ކަމަށެވެ.
"ކޮންމެ ކަމަކަށް ކުންފުންޏެއް އުފައްދަވާފައި ކުންފުނި އެމްޑީގެ އިތުރުން ކޮންމެ ކުންފުންޏަކަށް 5 ޑީއެމްޑީ އާ 15 މެނޭޖަރު، 15 އެސިސްޓެންޓު މެނޭޖަރު ލުމަކީ ރައީސް ޑރ.މުއިއްޒު ގެ ސިޔާސީ އަންބޮޑި ބަނުމަށް ރައްޔިތުންގެ ފައިސާ ލޫޓުވުން ނޫނީ ނުވާނެ." އައްބާސް ވިދާޅުވިއެވެ.