* އިންސާފު ސިޔާސީ ކުރުމުން ޑިމޮކްރަސީ އަނދިރީގައި "މަރުވެދާނެ"
މިއަހަރުގެ ޑިމޮކްރަސީ ދުވަހު ފެންނަމުން މިދަނީ ބުރަ މަސައްކަތުން ހޯދި ޑިމޮކްރެޓިކް ހައްގުތަކާއި މިނިވަންކަން ފުނޑުވަމުން ދާތަން ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވެފައި މިވަނީ މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގައި މިހާރު ޖުޑިޝަރީގެ މިނިވަންކަމެއް ނެތް ކަމަށާއި، ރައްޔިތުންގެ މަޖިލީސްވެސް ހިންގަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް ކަމަށެވެ. އަދި މިކަންކަމާމެދު ވާހަަކަ ދައްކައި އަޑުއުފުލާ ފަރާތްތަކަށް ބިރުދައްކައި، ފުރައްސާރަކޮށް، އުނދަގޫތައް ކުރިމަތި ކުރުވަމުން ދާކަންވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.
ޝާހިދު ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކުރި "މީޑިއާ ކޮންޓްރޯލް" ބިލަކީ ދިވެހި ރައްޔިތުންނަށް ސަރުކާރުގެ ހަގީގަތް ހާމަކުރިޔަ ނުދޭންވެގެން ނޫސްވެރިކަމަށް ދޭ ވަރުގަދަ ހަމަލާއެއް ކަމަށެވެ. އެގޮތުން މީޑިއާގެ މިނިވަންކަން ނަގާލައި، ފާޑުކިޔުންތެރިން ހިމޭންކޮށް، އިންސާފު ސިޔާސީ ކުރުމުން ޑިމޮކްރަސީ އަނދިރީގައި "މަރުވެދާނެ" ކަމަށްވެސް ވިދާޅުވިއެވެ.
ޑިމޮކްރަސީ ދުވަހުގެ ގޮތުގައި ދުނިޔޭގައި ފާހަގަ ކުރަމުން ދަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. މިއަދަކީ މިއަހަރުގެ ޑިމޮކްރަސީ ދުވަހެވެ.