އަމިއްލަ ވިޔަފާރި ކުންފުނި ތަކަށް ސަރުކާރުން ދޭންޖެހޭ 8 ބިލިއަން ރުފިޔާ ސަރުކާރުން ނުދީ އެބައޮތް ކަމަށާއި، ސަރުކާރުން އަމިއްލަ ކުންފުނި ތަކަށް ދޭންޖެހޭ ފައިސާ ނުދޭތީ، ވިޔަފާރިވެރިން ތިބީ ގޮތް ހުސްވެފައި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އއ. ބޮޑުފޮޅުދޫގައި ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރު ބަދަލުވީއިރު ދެ ވިޔަފާރި ވެރިއަކަށް 100 މިލިއަން ރުފިޔާ ނުދީ އޮތް ކަމަށެވެ. އޭގެތެރެއިން އެކަކަށް 38 މިލިއަން ރުފިޔާ އަދި ދެވަނަ ވިޔަފާރިވެރިޔާއަށް 60 މިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސޯލިހު އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުން އަމިއްލަ ކުންފުނި ތަކަށް ދޭންޖެހޭ ފައިސާގެ އަދަދު ބޮޑުވެ، އެ ފައިސާ ސަރުކާރުން ނުދިނުމުގެ ސަބަބުން ވިޔަފާރިވެރިން ވަނީ ދަރާފައެވެ. ބަޔެއް ކުންފުނިތައް މިހާރު ވަނީ ހަދާނެ ގޮތް ހުސްވެފައި ކަމަށް ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ، ޓެކްސް ނުދެއްކުމުގެ ސަބަބުން ވިޔަފާރިވެރިން ޖަލަށް ލުމަކީ ދެކޮޅުނުޖެހޭ ކަމެއް ކަމަށެވެ. ސަބަބަކީ ވިޔަފާރިވެރިންނަށް ޓެކްސް ނުދެއްކިފައި ތިބީ ސަރުކާރުން އެ ފަރާތްތަކަށް ދޭންޖެހޭ ފައިސާ ނުދިނުމުން ކަމަށްވެސް ވިދާޅުވިއެވެ.
ވިޔަފާރިވެރިންނަށް ސަރުކާރުން ފައިސާ ނުދޭތީ ޓެކްސް ނުދެއްކޭނެ ކަމަށާއި، ޓެކްސް ނުދެއްކުމުން ޖަލަށް ލުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.