ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ މަތިން ފެށިގެންވެސް ދަނީ ދައުލަތުގެ ބައިތުލްމާލު ލޫޓުވަމުން ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީ އިން މާލޭގައި ބާއްވާ ހަރަކާތުގެ މައުލޫމާތު ޙިއްސާކޮށް، ރައްޔިތުންނަށް އެ ހަރަކާތުގެ ދައުވަތު ދިނުމުގެ ގޮތުން މިއަދު ހަވީރު އެމްޑީޕީ އިން ބޭއްވި ދޮރުން ދޮރަށް ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށްފަހު ޝާހިދު ވިދާޅުވީ، މި ސަރުކާރުން ދަނީ ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ބައިތުލްމާލު ލޫޓުވަމުން ކަމަށެވެ. އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު އެކަމާދެކޮޅަށް ނުކުންނަވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ، މި ސަރުކާރާމެދު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށެވެ.
"ރައްޔިތުން ބުނަނީ ސަރުކާރުން މުޅި ޤައުމު ލޫޓުވައިފި ކަމަށް. ސަރުކާރުން ޤައުމު ލޫޓުވަމުންދާ ދިޔުމަށް ނޫނެކޭ ބުނަން އަންނަ އޮކްޓޯބަރު 3 ވަނަ ދުވަހުގެރޭ 8:30 އަށް އާޓިފިޝަލް ބީޗަށް ވަޑައިގަންނަވާ" ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް، އަންނަ މަހުގެ ތިންވަނަ ދުވަހު "ލޫޓުވުމާދެކޮޅަށް" އެމްޑީޕީ އިން ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންދާއިރު، އެ ޕާޓީން ވަނީ މީގެކުރިންވެސް ސަރުކާރާދެކޮޅަށް ބަޔެއް އެއްވުންތައް ބާއްވާފައެވެ.