މީޑިޔާ ބިލާ ގުޅޭގޮތުން އާންމުންނާއެކު ނޫސްވެރިންގެ ފޯރަމެއް މާދަމާ ރޭ ބާއްވަނީ

މީޑިޔާ ބިލާ ގުޅޭގޮތުން އާންމުންނާއެކު ނޫސްވެރިންގެ ފޯރަމެއް މާދަމާ ރޭ ބާއްވަނީ

އަމިއްލަ މެމްބަރަކު ހުށަހަޅައިގެން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ކޮމިޓީ މަރުޙަލާގައި މިހާރު އޮތް މީޑިޔާ ބިލާ ގުޅޭގޮތުން އާންމުންނާއެކު ނޫސްވެރިންގެ ފޯރަމެއް މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފިއެވެ.

އެ ޖަމްއިއްޔާއިން ބުނެފައި ވަނީ މި ފޯރަމް އޮންނާނީ މާދަމާ ރޭ 8:45 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ކަމަށެވެ. މިއީ "ހަތަރެއްގެ ހައްގުގައި" ނަމުގައި ބާއްވާ ފޯރަމެކެވެ.

މާދަމާ ރޭ އެމްޖޭއޭއިން ނޫސްވެރިންގެ ފޯރަމެއް އާންމުންނާއެކު ބާއްވާއިރު، އެ ފޯރަމަށް ދިއުމަށް އާންމުންނަށް ދައުވަތުދީ، ނޫސްވެރިން ދަނީ އާންމުންގެ ކައިރިއަށް ގޮސް އެކަމާބެހޭ މައުލޫމާތުވެސް ޙިއްސާ ކުރަމުންނެވެ.

ސަރުކާރުން ތާއީދު ކޮށްފައިވާ މީޑިޔާ ބިލާގުޅޭ ގޮތުން މީޑިޔާތަކާއި ނޫސްވެރިން އަދި ޖަމްއިއްޔާ ތަކުން ފެށުނީއްސުރެ ދަނީ އަޑު އުފުލައި އިހުތިޖާޖު ކުރަމުންނެވެ. މި މައްސަލައިގައި ނޫސްވެރިން ވަނީ މަޖިލީހުގެ އިދާރާ އާއި ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއްވެސް ހުށަހަޅައިފައެވެ. ނޫސްވެރިން މައިގަނޑު ގޮތެއްގައި ގޮވާލަމުން ދަނީ ބިލު ބޭރުކޮށް، ނޫސްވެރިންނާވެސް މަޝްވަރާކޮށްގެން އާ ބިލެއް ހުށަހެޅުމުގެ ފުރުޞަތު ދިނުމަށެވެ.

މި ބިލު މިހާރު އޮތީ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީގައި ދިރާސާ ކުރުމުގެ މަރުހަލާގައެވެ. ބިލާބެހޭ ގޮތުން ބަންޑާރަ ނައިބު ދާދިފަހުން ވިދާޅުވީ، ކޮމިޓީ މަރުޙަލާގައި ބިލަށް އިސްލާހު ތަކެއް އެ އޭޖީގެ ފަރާތުންވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *