ޝާހިދު: މިނިވަން މީޑިއާގެ ދިފާއުގައި ނޫސްވެރިންނަށް ބޮޑު ހިތްވަރެއް!

ޝާހިދު: މިނިވަން މީޑިއާގެ ދިފާއުގައި ނޫސްވެރިންނަށް ބޮޑު ހިތްވަރެއް!

ރާއްޖޭގެ ދިމިޤްރާތީ ނިޒާމު ހަރުދަނާކޮށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި، އެމްޑީޕީގެ ރައީސް ކަމުގައި މިވަގުތު ހުންނެވި ޢަބްދުﷲ ޝާހިދު ހަމަ ހަގީގަތުގައިވެސް ފާހަގަ ކޮށްލެވެއެވެ.

ވަކިވަކި ފަރުދުންގެ ހައްގުތަކާއި، ޚާއްސަކޮށް ނޫސްވެރިކަމުގެ މިނިވަން ކަމަށް ދެއްވާ ސަމާލުކަމާއި، އެކަމަށްޓަކައި އެމަނިކުފާނު ކުރެއްވި ސާބިތު މަސައްކަތްތައް، އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ތެރެއިން ވަރަށް ސާފުކޮށް ފެނިގެންދެއެވެ. މިނިވަން ނޫސްވެރިކަމެއްގެ ދިފާއުގައި ދެގޮތެއްނުވެ ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިންވެސް ޝާހިދަކީ ހުނިޖަހާލެވޭނެ ބޭފުޅެކެވެ.

މި މަސައްކަތުގައި އެމަނިކުފާނު ތެދުވެވަޑައިގެންފައި ވަނީ އިއްޔެއަކު، މިއަދަކު ނޫނެވެ. ދިވެހި ނޫސްވެރިކަން އެންމެ ނާމާންކޮށް އޮތް ދުވަސްވަރުވެސް އެމަނިކުފާނު ގަބޫލު ކުރައްވާ އުސޫލަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ހުޅުވާލެވިފައި އޮންނަންޖެހޭނެ އަސާސީ ހައްގެއް ކަމެވެ. މިނިވަންކަމަކީ ހަމައެކަނި މިނިވަންކަމުގެ ކަރުދާހެއްގައި ސޮއި އަޅާލުމަކުން ފުއްދާލެވެން އޮތް އެއްޗެއް ނޫން ކަމެވެ. އެގޮތުން އެމަނިކުފާނުގެ ސިޔާސީ ހަޔާތް ނުފެށޭއިރުވެސް ގަބޫލުފުޅު ކުރެއްވި ހަމައަކީ، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ހަގީގީ މިނިވަންކަމުގެ އެންމެ މުހިންމު ދެ ތަނބު ކަމަށެވެ. ސިޔާސީ މަސައްކަތަށް ނުކުމެވަޑައިގަތުމަށްފަހު ކެނޑިނޭޅި އެކަމަށް މަސައްކަތް ކުރެއްވިއެވެ. އެ ފުރުޞަތު ދިވެހިންނަށް ހޯދައިދިނުމަށް ޢަޒުމް އާކުރެއްވިއެވެ. ޤާނޫނީ އިމުގެ ތެރެއިންވެސް އެއީ އަސާސީ ހައްގެއްގެ ގޮތުގައި ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެެއްވިއެވެ. އެކަން ކާމިޔާބާ ހަމަށް ވާސިލުވަންދެން އެގޮތުގައި ދެމިހުންނެވިއެވެ.

ދިވެހިން މިއަދު މިދެކޭ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާގައި ކަޅާއި ހުދުން އެއޮތީ އެ ވާހަކަ ލިޔެވިފައެވެ. އެ ހައްގު ލިބިދީފައެވެ. މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޙައިސިއްޔަތުން އެމަނިކުފާނު ކުރެއްވި މަސައްކަތް ގިނައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވިއިރު، އެކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު އެންމެ ބޮޑަށް ފާހަގަ ކުރެވޭނެ އެއްކަމަކީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޫސްވެރިންނަށް އަމާޒުކޮށްގެން ތަޞްދީގު ކުރެވުނު އަނބުރުގެ ޤާނޫނު އުވާލުމަށް 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބިލެއް ހުށަހެޅުއްވުމެވެ. ރައީސް ޔާމީންގެ ސަރުކާރު ނިމި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ހޮވި، އެ ސަރުކާރުގެ ވަޒީރަކަށް ވެވަޑައިގަތުމުގެ ކުރިން، މަޖިިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައި އެމަނިކުފާނު އެންމެ އިސްކަން ދެއްވީ މި ބިލު ހުށަހެޅުމަށެވެ. އަބުރުގެ ޤާނޫނު އުވާލުމެވެ.

މިއީ މިއަދުވެސް އެމަނިކުފާނު އެންމެ ފަޚުރުވެރިވެވަޑައިގަންނަވާ ކަންތައްތަކުގެ ތެރެއިން އެއް ކަމެވެ. ސަރުކާރުގެ އަދި ސިޔާސީ މަގާމު ތަކުގައި ތިބޭ ފަރާތްތައް ޒިންމާދާރު ކުރުވުމުގެ ފުރުސަތު ނޫސްވެރިންނަށް ލިބެންޖެހޭނެ ކަމަށް އެމަނިކުފާނު އަބަދުވެސް ގަބޫލުފުޅު ކުރައްވައެވެ. އަބުރުގެ ޤާނޫނުނަކީ ނޫސްވެރިންގެ ބޮލަށް ޖަހާފައި އޮތް ވަރުގަދަ މޮހޮރެކެވެ. އެ މޮހޮރު ޤާނޫނުގެ ތެރެއިން ލުއްސާލަ ދިނުމުގައި އެމަނިކުފާނު ކުރެއްވި މަސައްކަތަށް ނޫސްވެރިންގެ ޝުކުރާއި ތައުރީފު ލިބުނީ އެސަބަބާހުރެއެވެ.

މި މުހިންމު އިސްލާހާއެކު އެމަނިކުފާނުގެ ފަސް ދައުރުގެ މަޖިލިސް މެންބަރުކަން ނިންމާލެވުނުކަމީ އެމަނިކުފާނު ފަޚުރުވެރިވެވަޑައިގަންނަވާ ކަމެކެވެ. އަދި ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން، ނޫސްވެރިކަމުގެ މިނިވަންކަމާއެކު ޚަބަރު ގެނެސްދިނުމުގެ ފުރުސަތު ކަށަވަރުކޮށްދީ އެކަން ދިފާއު ކުރުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. ނޫސްވެރިންވެސް އެ ފުރުސަތުގެ ފުރިހަމަ ބޭނުން ހިފައިފައިވެއެވެ.

ނަމަވެސް، މިއަދު މިނިވަން މީޑިއާއަށް ދިމާވެފައިވާ ގޮންޖެހުންތަކާއިމެދު ޝާހިދު ވަރަށް ކަންބޮޑުވެ ލައްވައެވެ. މި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ މީޑިއާތައް ކޮންޓްރޯލްކުރާ ބިލާ މެދު އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ފާޑުވިދާޅު ވަމުންނެވެ. އެމަނިކުފާނު ވިދާޅުވާގޮތުގައި، އިސްލާހު ކޮށްގެން މަޖިލީހުން އެބިލު ފާސް ކުރުމަށް ސަރުކާރުން ރާވާ ރޭވުމަކީ، މީޑިއާގެ މިނިވަންކަން ނެތިކޮށް، މީޑިއާ ތަކަށް މިސަރުކާރުގެ ވެރިންގެ އަތްބާނައި، ކޮރަޕްޝަނާއި ފަސާދާގައި މަތިޖެހުމަށް ހިންގާ ހީލަތެކެވެ.

މިނިވަން ޑިމޮކްރަސީއެއްގައި މިނިވަން މީޑިއާ ރެގިއުލޭޓް ކުރަން ވާނީ ސެލްފު ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިން ކަމަށް އެމަނިކުފާނު އަބަދުވެސް ގަބޫލު ކުރައްވައެވެ. ނަމަވެސް މަޖިލީހަށް ހުށަހަޅާފައިވާ މިބިލުގެ މުޅި މަހުފޫމް ބިނާ ކޮށްފައި އޮތީ، ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް ކަމަށް އެމަނިކުފާނު ވަރަށް ސާފުކޮށް ވިދާޅުވެފައިވެއެވެ. އެހެން ކަމުން، މަޖިލީހުން މި ބިލު މިހާރުން މިހާރަށް ބޭރު ކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. ނޫސްވެެރިންނެކޭ އެއްފަދައިން މި ބިލުގެ މައްސަލައިގައި ޝާހިދުވެސް ފެންނަނީ ފުކެއްވެސް ދޫނުދެއްވައި، މީޑިއާތަކާއި ނޫސްވެރިންނަށް ލިބެންއުޅޭ ވަރުގަދަ ލަގާއިން ސަލާމަތް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ޝާހިދުގެ މިފަދަ ޚިޔާލުފުޅުތަކުން ދައްކުވައި ދެނީ، މިނިވަން މީޑިއާގެ މުހިންމުކަމާއި، އެކަމަށްޓަކައި އަބަދުވެސް މަސައްކަތް ކުރެއްވުމަށް އެމަނިކުފާނުގެ އޮތް ނުގުޑާ ޢަޒުމެވެ. ޑިމޮކްރަސީއެއްގައި ހަގީގަތް ހާމަކޮށް، ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގައި މީޑިއާގެ ދައުރު ވަރަށް މުހިންމެވެ. މިނިވަން މީޑިއާއަކާއި ނުލައި، ޖަވާބުދާރީވުމާއި، ހާމަކަންބޮޑުކަމާއި، އަދުލު އިންސާފު ގާއިމުވުމަކީ ދުރުކަމެކެވެ.

ޝާހިދަކީ، ސިޔާސީ މައިދާނުގައި އެތައް ދުވަހެއް ވަންދެން ހަރަކާތްތެރިވެވަޑައިގެންފައިވާ، ނޫސްވެރިންނާ ގާތް ގުޅުމެއް އަބަދުވެސް ބާއްވައި، އެފަރާތްތަކާ ހިއްސާ ކުރަންޖެހޭ މައުލޫމާތު ދިނުމަށް އަބަދުވެސް އިސްކަންދެއްވާ ބޭފުޅެކެވެ. އެ މަނިކުފާނުގެ ސިޔާސީ ހަޔާތުގައި، ނޫސްވެރިކަމުގެ ދާއިރާއަށް ދެއްވާ ސަމާލުކަމާއި ނޫސްވެރިންނަށް ދެއްވާ އިޙްތިރާމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެންވެސް، ޝާހިދު ވަނީ ނޫސްވެރިންނާ ގާތް ގުޅުމެއް ބަހައްޓަވައިފައެވެ. އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ސަރުކާރުގެ މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ނޫސްވެރިންގެ ދައުރު މުހިންމެވެ. އެގޮތުން، ކޮންމެ މުހިންމު ކަމެއްގައިވެސް ނޫސްވެރިންނަށް ސީދާ ޖަވާބުދާރީވެ، ބޭރުގެ ގުޅުންތަކާބެހޭ މައުލޫމާތު، އަމިއްލަފުޅަށް އިސްނަންގަވައިގެން ނޫސްވެރިންނާ ހިއްސާ ކުރައްވައެވެ.

އެންމެ މިސާލެކެވެ. އެމަނިކުފާނު ވަޒީރެއްގެ ގޮތުގައި ހުންނެވިއިރު، އެމަނިކުފާނާއި ގުޅުވައި އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ ޗާގޯސްގެ ވާހަކައެވެ. އެ ވާހަކައަށް ޖަވާބުދާރީވެވަޑައިގަތުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ނޫސްވެރިންގެ ސުވާލުތަކާ ކުރިމަތިލެއްވީ ސީދާ ޝާހިދެވެ. ނޫސްވެރިން ކުރާނެހާ ސުވާލެއް ކުރަން ފުރުޞަތު ދެއްވިއެވެ. އަދި ކެރިވަޑައިގެން ޖަވާބު ދެއްވިއެވެ. ހަގީގަތް ހާމަކޮށްދެއްވުމަށެވެ. އެމަނިކުފާނު ގޯހެއް ނުހައްދަވާކަން ކަށަވަރުކޮށްދެއްވުމަށެވެ. ޗާގޯސް މައްސަލަ ފެށިގެން ނިޔަލަށް ހުޅުވާލައި، ހުރިހާ ތަފްސީލެއް ތާރީޚުތަކާއެކު އަކުރުން އަކުރަށް ވިދާޅުވެދެއްވިއެވެ. ކޮންމެފަދަ ސުވާލެއް ގަޔާދިމާލަށް އަޔަސް، ކޯފާ އިސްނުކުރައްވައި ޖަވާބު ދެއްވިއެވެ. މިއީ ދައުލަތުގެ އިސް މަގާމެއްގައި ހުންނަވައިގެން ދައްކަވާފައިވާ ރީތި ނަމޫނާއެކެވެ.

އެމަނިކުފާނަކީ ދިވެހި ނޫސްވެރިންނާއެކު ވިޔަސް، އަދި ބޭރުގެ ނޫސްވެރިންނާއެކު ވިޔަސް، އެ ފަރާތްތަކާ ބައްދަލު ކުރައްވަން ފަސްޖެހިވަޑައިނުގެން، ނޫސްވެރިންނަށް އަބަދުވެސް ހުޅުވިގެންވާ ބޭފުޅެކެވެ. ނޫސްވެރިންނަށް ފިއްލެވުމަކީ އެމަނިކުފާނު އެއްއިރަކުވެސް ކުރައްވާ ކަމެއްނޫނެވެ. ގިނަ ނޫސްވެރިންވެސް ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ތިއްބެވި ސިޔާސީ އިސް ލީޑަރުންގެ ތެރެއިން ޢަބްދުﷲ ޝާހިދަކީ ނޫސްވެރިންނަށް އެންމެ އޮޅު ބޭފުޅާއެވެ. މީޑިޔާތަކާއި ނޫސްވެރިންގެ ހައްގުގައި އެންމެ ފުރަތަމަ ތެދުވެވަޑައިގަންނަވާ އެއް ލީޑަރެވެ. ކޮޅެއްގައި ޖެހެންދެން ނޫސްވެރިންގެ ދިފާއުގައި ހުންނަވައެވެ.

ސިޔާސީ ކޮންމެ މަގާމެއްގައި ހުންނެވި ނަމަވެސް، ޝާހިދަކީ ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވާ، ނޫސްވެރިންގެ އިތުބާރު އިންތިހާއަށް ލިބިފައިވާ ބޭފުޅެކެވެ. އެ މަނިކުފާނުގެ މި ސިފަފުޅުގެ ސަބަބުން، ނޫސްވެރިންނަށް އެކަށީގެންވާ މައުލޫމާތު ހޯދައި، ރައްޔިތުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފައިވެއެވެ. މިކަމަކީ، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ހާމަކަން ބޮޑު ކުރުމަށްޓަކައި ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮޔާދިޔަނުދީ،  ނޫސްވެރިންގެ އަތުން އެ މިނިވަންކަން ބީވެގެން ދިޔަނުދިނުމަށް އެމަނިކުފާނު ދައްކަވާ ހިތްވަރަކީ ނޫސްވެރިންނަށްވެސް ލިބިގެންދާ ބާރެކެވެ. ހިތްވަރެކެވެ. މީޑިއާތަކާއި ނޫސްވެރިންގެ ދިފާއުގައި އެމަނިކުފާނުގެ ފަރާތުން ފެނިގެންދާ ހުސްނުވާ ޢަޒުމްގެ ސަބަބުން ނޫސްވެރިންގެ އުންމީދުތައްވެސް އާވެގެން ދެއެވެ. ނޫސްވެރިންގެ ޢަޒުމްވެސް ވަރުގަދަ ވެގެންދެއެވެ.

މިނިވަން ނޫސްވެރިކަމަކަށް ޖާގަ ހޯދުމުގައި އެމަނިކުފާނުގެ މަސައްކަތް ހުރީ ހަމައެކަނި ދިވެހިރާއްޖޭގެ ސަރަހައްދީ އިމުގެ ތެރޭގައި އެކަންޏެއްނޫނެވެ. ބައިނަލްއަގްވާމީ ފެންވަރުގައިވެސް އެ މަސައްކަތް ކުރައްވަމުން ގެންދަވައެވެ. މިހާރު ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ބިލުގެ ކަންބޮޑުވުންތަކުގައިވެސް ޝާހިދު ފެނިގެންދަނީ ދެގޮތެއްނުވެ މިނިވަން މީޑިޔާއަށް ވަކާލާތު ކުރައްވާތީއެވެ. ބައިނަލްއަގްވާމީ ފަރާތްތަކުގެ ސަމާލުކަމަށްވެސް އެ މައްސަލަ ގެންދިއުމުގައި މުހިންމު ރޯލެއް ކުޅުއްވާތީއެވެ. ދިވެހި މީޑިޔާއަށް އަމާޒުވާ މިފަދަ ކޮންމެ ހަމަލާއެއްގައިވެސް ޝާހިދު ވަނީ ބައިނަލްއަގްވާމީ ފަރާތްތަކާއެކު މަޝްވަރާކޮށް، އެކަން އެ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެއްވާފައެވެ.

އެމަނިކުފާނުގެ ފަރާތުން ނޫސްވެރިންނަށް ފެނިގެންދަނީ މި މައްސަލައިގައިވެސް ކާމިޔާބާހަމައަށް ދިވެހި ނޫސްވެރިކަން ގޮސް ބީއްސާލާނެ ކަމުގެ އުންމީދެވެ. އަބުރުގެ ޤާނޫނުގެ ބޮލުގެ ރިހުން ނޫސްވެރިންގެ ކިބައިން ނެތިގެން ދިޔަ ފަދައިންނެވެ. ދިވެހި ނޫސްވެރިންނެކޭ އެއްފަދައިން، ޝާހިދުގެ އުންމީދަކަށްވެސް ވެފައިވަނީ ދިވެހި ނޫސްވެރިންގެ ގަލަމުގެ ދެލި މިނިވަން ޚިޔާލާއެކު ހިނގަހިނގައި ހުރުމެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ޤާނޫނުއަސާސީގެ ތެރެއިން ލިބިދީފައިވާ ހައްގަށް އެއްވެސް މިންވަރެއް އުނިކަމެއް ނައިހެވެ.

ރަހީނެއް ނުކުރެވޭނެ ދުލެއް

އަސީރެއް ނުކުރެވޭނެ ހިތެއް

ނަހީއެއް ހުއްދަވާނެ ގޮތެއް

ޔަގީން އެކަމެއް ނުކުރެވޭނޭ

********************

ލިޔާ ނޫހާ ތަކެތި ނުބެލުން

ކިޔާ ފޮތް ލެއްޕުމަށް އެންގުން

ރިޔާދަށުގާވެ ގޮތް ހުސްވުން

ހިލާ ތިޔަކަން ނުކުރެވޭނޭ

މި ޅެންބައިތު ތަކަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހިތްޕުޅުގައި އަބަދުވެސް އޮންނަ ލޯތްބާއި، އެކަން ކަށަވަރު ކޮށްދިނުމަށް ވަރުގަދަ ޢަޒުމެއްގެ މަތީގައި ސާބިތުކަމާއެކު ހުންނެވި، ޢަބްދުﷲ ޝާހިދު މީގެ އަހަރުތަކެއް ކުރިން ދޫކޮށްލެއްވި ހިތްވަރުން ފުރިގެންވާ ޅެންބައިތު ކޮޅެކެވެ. ދިވެހި ނޫސްވެރިންނަށް ހިތްވަރާއި ޢަޒުމް އާކޮށްދިން މާނަ ފުން ޅެންބައިތު ކޮޅެކެވެ.

ޝާހިދު ވިދާޅުވެފައިވާ ފަދައިން، މިނިވަން މީޑިއާ ނެތިކޮށްލަން ކޮންމެ ބަޔަކު ނުކުތަސް، ރިޔާދަށުގައިވެ ގޮތް ހުސްވެގެން ނުވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *