ދިރިއުޅުން، ފަގީރު ކަމުން މުއްސަނދި ކަމަށް، ބަދަލުކޮށްދޭ އެއްޗަކަށް، "ޒަކާތް" ހަދަންޖެހޭކަަމަށް މެލޭޝިޔާގެ އިންސިފް ޔުނިވާސިޓީގެ އެސޯސިއޭޓް ޑީން، ޕްރޮފޮސާ ޑރ. އާއިޝަތު މުނީޒާ ވިދާޅުވެއްޖެއެވެ.
ޑރ. މުނީޒާ މިއަދު މިހެން ވިދާޅުވީ، ޒަކާތު ހައުސް އިން ރާއްޖެގައި ބާއްވާ، ބައިނަލްއަގުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް، "އިންޒެކް 2025″ ރަސްމީކޮށް ފައްޓަވައިދެއްވަމުންނެވެ.
ޑރ. މުނީޒާ ވިދާޅުވީ، "އިންޒެކް 2025″ މި ފަހަރު މި ބޭއްވެނީ ފުރަތަމަ ފަހަރަށް ޒަކާތުގެ ބިލެއް ރައްޔިތުންގެ މަޖިޅީހަށް ހުށަހަޅައި ބަހުސް ކުރަމުންދާ ތާރީހީ ދަނޑިވަޅެއްގައި ކަމަށެވެ.
ޒަކާތުގެ ބިލެއް ހުށަހެޅުމުން، ޓެކްސްނަގާ މުޖުތަމައު ތަކުގައި އަދިވެސް ޒަކާތް ބޭނުން ވަނީ ކީއްވެތޯ، އާއި ޓެކްސް އޮތޯރިޓީތައް އޮތްއިރު ހާއްސަ ޒަކާތުގެ ގާނޫނެއް މުހިއްމު ވަނީ ކީއްވެގެންތޯ އާއި ޓެކްސް ނެގިޔަސް ޒަކާތަށް ވަކި ހާއްސަ ގާނޫނެއް އޮންނަން ޖެހޭތޯ، އެއީ މުޖުތަމައުގައި އުފެދުނު ސުވާލު ތަކެއް ކަމަށެވެ.
އެއީ ޒަކާތަށް ރައްޔިތުން އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރު ކުރަން ޖެހިފައިވާކަން، ދޭހަވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެެވެ.
"ޒަކާތަކީ ހަމައެކަނި ޓެކްސް ނެގުމުގެ އެހެން ގޮތެއްނޫން، ޓެކްސްއާބެހޭ ގާނޫނު ތަކަކީ އިންސާނުން އުފައްދާފައިވާ ޒިންމާއެއް. ޒަކާތަކީ އިލާހީ ވާޖިބެއްކަން. ޓެކްސްއިން ސަރުކާރުތައް ދެމެހެއްްޓޭ. ނަމަވެސް ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭ، ޓެކްސްގެ ގާނޫނުތަކަކީ އިންސާނުން ހަދާފައިވާ ގާނޫނު ތަކެއް، ޒަކާތުގެ ނިޒާމަކީ ކީރިތި ގުރުއާންގައި ބަޔާން ކުރައްވާފައިވާ ނިޒާމެއް. އެ ލިބޭ ވަކި ގިންތި ތަކެއް ސާބިތުކަމާއެކު ބަޔާން ކުރައްވާފައިވާ ފަގީރު ކަމުން މުއްސަނދި ކަމަށް، ބަދަލުކޮށްދޭ އެއްޗަކަށް ޒަކާތް ހަދަންޖެހޭ: ޑރ. މުނީޒާ ވިދާޅުވި އެވެ.
"އިލާހީ ގޮތުން ލާޒިމްކުރާ އެއްޗެއް، އެހެން ކަމުން ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ހިންގުމަށް އަމިއްލަ ވަކި އެކަމަށް ހާއްސަ ގާނޫނެއް ބޭނުންވޭ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ނަމަވެސް މުނީޒާ ވިދާޅުވީ، ހަމައެކަނި ގާނޫނު ތަކަކުން އެކަންކަން ނުފުދޭނެކަން ވިސްނާލަންޖެހޭ ކަމަށެވެ.
ޒަކާތުގެ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި އެކަން ބަލަހއްޓައި މެނޭޖު ކުރާގޮތާމެދު އާ ނަޒަރިއްޔާތަކުން ވިސްނާލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
" މިހާރުގެ އާއްމު އުސޫލަކީ ޒަކާތުގެ ފައިސާ، އޭގެ ބެހެނިވެރިންނަށް އެއްފަހަރު ބޭނުންކުރެވޭ ގޮތަށް ޖަމާ ކޮށްދިނުން، އެހެން ކަމުން ޒަކާތުގެ ފައިސާ ބެލެވެނީ ކުރު މުއްދަތަކަށް މީހަކަށް ހޯދައިދެވޭ ތަސައްްލީއެއްގެ ގޮތަށް، ނަމަވެސް ޒަކާތަކީ އެއަށްވުރެން ބޮޑު މަގުސަދެއް ހާސިލު ކުރެވޭނެ ފަދަ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އިންސްޓްރޫމަންޓެއް، ޒަކާތަކީ ހަމައެކަނި އެއްދުވަހުގެ ބޭނުންތައް ފުއްދައިދޭން މީހުންނަށްދޭ ފައިސާއެއް ނޫން އެއީ މީހެއްގެ ދިރިއުޅުން ފަގީރު ކަމުން މުއްސަނދި ކަމަށް، މިއަދު ޒަކާތުގެ ފައިސާ ބަރޯސާވާ މީހާއަކީ މާދަމާ ޒަކާތް ދައްކާ މީހަކަށް ބަދަލު ކޮށްދޭފަދަ އެއްޗެއް،" ޑރ. މުނީޒާ ވިދާޅުވިއެވެ.