ދުނިޔޭގެ އިސްލާމީ ބޮޑެތި ގައުމު ތަކުގައިވެސް ޒަކާތް ދެއްކުން އެ ގައުމެއްގެ ޓެކްސްއާއި ބެހޭ މައި އިދާރާ މެދުވެރިކޮށް ދައްކަމުންދާ ފަދައިން، ރާއްޖޭގައިވެސް ޒަކާތް ދައްކަންވީ މީރާ މެދުވެރިކޮށް ކަމަށާއި، ޒަކާތް ދެއްކުމަށް މުޅިން އަލަށް"ޒަކާތު ހައުސް" ކިޔާފައި ވަކި އޮފީހެއް ހެދުމަކީ އިސްރާފެއް ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަމްހީދު ވިދާޅުވީ، މިހާރުވެސް ރާއްޖޭގައި ޒަކާތު ފައިސާ ބަލައިގަންނަނީ މީރާއަށް ކަމަށްވާއިރު، ޒަކާތް ނެގުމަށް ސަރުކާރުން އިތުރު އިދާރާއެއް އުފެއްދުމަކީ އިތުރަށް ވިސްނާލަންޖެހޭނެ ކަމެކެވެ.
"އަލަށް އުފައްދާ 'ޒަކާތު ހައުސް' އަކަށް ޒަކާތުގެ ފައިސާއިން ބޮޑު ބައެއް ހޭދަކުރުމަކީ ދައުލަތުގެ ވަސީލަތްތައް އިސްރާފުވެދާނެ ކަމެއް ކަމުގައި ފާހަގަ ކުރެވޭތީ، މި ކަމާމެދު ފުންކޮށް ވިސްނައި، އެންމެ ޚަރަދު ކުޑަ އަދި ފައިދާ ބޮޑު ގޮތަކަށް ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ." ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ޑރ. ޝަމްހީދު މިފަދައިން ވިދާޅުވިއިރު، ރާއްޖޭގައި ޒަކާތް ދެއްކުން ޤާނޫނީ ގޮތުން ލާޒިމުކުރާ ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ވަނީ ހުށަހަޅާފައެވެ. އެ ބިލު ގާނޫނަކަށްވާ ހިސާބުން "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ވަކި އޮފީހެއް އުފައްދަންޖެހެއެވެ. އެއީ ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ނެގުމުގެ ހުރިހާކަމެއް ރާވައި، ޒަކާތް ލިބޭ މީހުންގެ ދަފްތަރު ބަލަހައްޓައި، ޒަކާތް ދޭނެ ހުރިހާ ކަމެއްވެސް ކުރާނެ އޮފީހެވެ.
މި ޒަކާތު ހައުސް ހިންގާނީ އެއިރަކު ހުންނަވާ އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން، ޑިރެކްޓަރ ޖެނެރަލަކު ހުންނަވައިގެންނެވެ.