ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާގުޅޭ ގޮތުން މައުލޫމާދު ދެއްވުމަށް އެމްއެމްއޭގެ ގަަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވަޑައިގެންނެވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
މި ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ ނާއިބު މުގައްރިރު އޭދަފުށީ ދާއިރޭގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، ބައްދަލުވުން ސިއްރު ކުރުމަށް އެމްއެމްއޭއިން އެދިފައިވާ ކަަމަށެވެ. އެހެންކަމުން އެކަން މެންބަރުންގެ ހިޔާލަށް ހުޅުވައިލެއްވިއެވެ.
އެ މައްސަލައަށް ފުރަތަމަ ވާހަކަ ދެއްކެވި އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ކޮންމެހެން ސިއްރު ކުރަންޖެހޭ ކަމެއް އޮތް ނަމަވެސް މުޅިކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ނުޖެހޭ ކަމަށެވެ.
"ކުރެވޭ ސުވާލުތަކާއި މަސައްކަތްތައް ޕަބްލިކަށް އެނގެެންޖެހޭ، އަޅުގަނޑުމެން ސިއްރުން ހުރިހާ ކަމެއް ކޮގެން ކިހިނެއްތޯ ކަންކަން ރަނގަޅު ކުރާނީ އަޅުގަނޑުމެނަށް ވުރެން މާބޮޑު ޝަކުވާ އެބައޮތް ޕަބްލިކުގައި. އެހެންވީމަ އެކަންކަން ރަނގަޅު ކުރަންކުރާ މަސައްކަތް ޕަބްލިކަށް ފެންނަންޖެހޭ،" ޣަފޫރު ވިދާޅުވިއެވެ.
އެހެން ކަމުން ކޮމިޓި ބައްދަލުވުން ސިއްރު ކުރަން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮމިޓީ ބައްދަލުވުން ސިއްރު ކުރަނީ ގައުމީ ސަލާމަތައް ނުރައްކާ ވާ މައްސަލަތުގައި ކަމަށެވެ.
ނަަމަވެސް ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހަޅުއްވަމުން ޕީއެންސީގެ މެންބަރު ފުނަދޫ ދާއިރާގެ މުހައްމަދު މަމްދޫހު ވިދާޅުވީ، މި މައްސަލައަކީ ވަރަށްގިނަ ބައެއްގެ މަސްލަހަތާއި ގުޅުން ހުރި މައްސަލައެއް ކަމަށާއި، ގިނަ މައުލޫމާތު ތަކެއް ހިމެނޭ ކަމެއް ކަމަށެެވެ. އަދި އެކަމުގައި ހާމަ ކުރަންޖެހޭ ކަމެއް އޮތްނަމަ މެންބަރު މެދުވެރިކޮށްވެސް، އަދދި އެމްއެމްއޭ މެދުވެރިކޮށް ހާމަކުރެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމިޓީ ސިއްރު ނުކުރަން ޣަފޫރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ ރާއްޖޭހެ އިގްތިސާދާބެހޭ ވާހަކަ ތަކެއް، އަދި ޑޮލަރުގެ ތާށިކަމާބެހޭ މައުލޫމާތެއް ސއިްރު ކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ.
"ހުރިހާ ކަމެއް ސިއްރު ކޮށްގެން މަގުސަދު ހާސިލެއް ނުކުރެވޭ. ކޮމިޓީއަށް ގެނައުމުގެ އެންމެބޮޑު ބޭނުމަކީ ކަންކަން ރައްޔިތުންނަށް ހާމަކުރުން، ސިއްރު ކުރުމުން ރެކޯޑްގައިވެސް އެއްވެސް އެއްޗެއް ނޯންނާނެ." ޑރ ޝަމްހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދައުލަތުގެ އިދާރާއަކުން ހަމަ އެދޭއިރަށް ކޮމިޓީ ސިއްރު ކުރުމެއް ކުރީގެ މަޖިލިސް ތަކުގައި ނޯންނަ ކަމަށެވެ. އަދި ކަންކަން ރައްޔިތުންނަށް ފޮރުުމުގެ ބަދަލުުގައި ކަންކަން ހާމަކުރުމަކީ ވެރިކަން ހިންނާ ޕީއެންސީ އާއި ރައީސް މުއިއްޒުގެ ސިޔާސަތު ކަަމަށާއި، އެހެން ކަމުން އެ ސިޔާސަތާއި އެެއްގޮތަށް ކޮމިޓީ ކުރިއަށް ގެންދިއުމަށް ޕީއެންސީގެ މެންބަރުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވިއެވެ.
ނަމަވެސް ކޮމިޓީ ސިއްރު ކުރަން ނުފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ސިއްރު ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެމްބަރުންނެވެ. ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ފާސްކުރީ މަމްދޫހުގެ ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ތާއީދު ކުރައްވައިގެންނެވެ.
މި ބައްދަލުވުމުގައި އެމްއެމްއޭ އިން ކުރަމުން ގެންދާ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.