ނުރައްކާތެރިކޮށް ވެހިކަލް ދުއްވުން ޖިނާއީ ކުށަކަަށް ހަދަން އިސްލާހެއް ހުށަހަޅައިފި

ނުރައްކާތެރިކޮށް ވެހިކަލް ދުއްވުން ޖިނާއީ ކުށަކަަށް ހަދަން އިސްލާހެއް ހުށަހަޅައިފި

މީހެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމަކީ ޖިނާއީ ކުށަކަަށް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

ގާނޫނުއުގޫބާތުގެ 121 ވަނަ މާއްދާއަށް އިސްލާހު ގެންނަން ބިލް ފޮނުވާފައިވަނީ  ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.  މިހާރު އެ މާއްދާގައި އޮތް ގޮތުން ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެ ކަމުގެ ބިރުދެއްކުމުގެ އަމަލުތަކަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އެ މާއްދާގެ (ށ) އޮތް ގޮތުން، މީހަކު މަރުވެދާނެ ނުވަތަ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމާ މެދު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ގޮތުގައި ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި، މަގުމަތީގެ ގަވާއިދުތަކާއި ހިލާފަށް އަދި މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއް ނެތް ގޮތަށް ވެހިކަލް ދުއްވުމާ ބެހޭ ހާލަތް ހިމަނާފައެއް ނުވެއެވެ.

އެހެންކަމުން މީކާއީލް ބިލު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި ވަނީ، ބިރުވެރިކަން އުފެދޭ ގޮތަށް ނުވަތަ ނުރައްކާތެރިކޮށް އިންޖީނުލީ އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގައި ޝާމިލުވާ ފަރާތްތަކާ މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކަށީގެންވާ ފިޔަވަޅު އެޅެން ނެތުމުން ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތް ގޮތަށް އުޅަނދުފަހަރު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގައި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ލިބޭނެ މަގު ފަހިކުރުމަށް ކަމަށެވެ.

ގާނޫނުއުގޫބާތުގެ 121 ވަނަ މާއްދާގެ (ށ) ގައި މިހާރު އޮންނަނީ، ފަރުވާލެއް ނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން އެހެން ގޮތަަކަށް ސާބިތުނުވާ ހިނދަކު ގަބޫލުކުރާނެ ގޮތެވެ. ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ އަންނަނިވި އަމަލުތަކަކީ އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ގޮތަށް ނުވަތަ އޭނާ މަރުވެދާނެ ގޮތަށް ފަރުވާލެއް ނެތި ކުރާ އަމަލެއް ކަމުގައި އެހެން ގޮތަކަށް ސާބިތުނުވާ ހިނދު، ފަނޑިޔާރު ގަބޫލުކުރަންވާނެ ކަމަށް އެ މާއްދާގައި ބުނެއެވެ.

އެ އަމަލުތަކަކީ..

ގޮވާތަކެއްޗާއި ފަނާކުރަނިވި މާއްދާއާބެހޭ،

ނުވަތަ މެޝިނަރީ އާއި އިންޖީނާއި އަދިވެސް އިންޖީނުން މަސައްކަތްކުރާ އެހެނިހެން އެއްޗެއްސާ ބެހޭ،

ނުވަތަ އިމާރާތް ތެޅުމާއި ވެއްޓުމާ ބެހޭ، ނުވަތަ ޖަނަވާރު ގެންގުޅުމާއި ބެލެހެއްޓުމާ ބެހޭ،

ނުވަތަ ގަސްގަހާގެހި ކެނޑުމާއި ވައްޓާލުމާ ބެހޭ،

ނުވަތަ ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެހެލާ ބޭލުމާ ބެހޭ

"ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާ މެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުންވެސް ހަތްވަނަ އަމަލެއްގެ ގޮތުުގައި މީކާއީލް ބިލުގައި ވަނީ ހިމެނުއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *