ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބެހޭ ގޮތުން، އެ ޕާޓީން އެކަމަށް އުފެއްދި ކޮމިޓީން ތައްޔާރު ކޮށްފައިވާ ކައުންސިލް އިންތިޚާބުގެ ޓައިމްލައިން އިއުލާނު ކުރުމާއެކު، ސަރުކާރުން އިންތިޚާބުގެ ތެރެއަަށް "އަތްފައި ބޭނުމުގެ ކަންތައްގަނޑު ހިންގައިގަންނާނެ" ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޝާހިދު ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ ޓައިމްލައިން އެ ޕާޓީން އިއުލާނު ކުރުން އަވަސް ކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. ސަބަބަކީ ޓައިމްލައިން އިއުލާނު ކުރުމާއެކު ސަރުކާރުން އެކަމަށް ރިއެކްޓް ކުރަން މަޖުބޫރު ވެގެންދާނެތީ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކުރިމަތީގައި މިވާ ޓައިމްލައިނަކީ އަޅުގަނޑުމެން މިހާރު އިއުލާނު ކޮށްލަންޖެހޭ ޓައިމްލައިނެއް. އެއީ އަޅުގަނޑަށް ކަށަވަރު ޔަގީންވެގެންވާ ކަމަކީ އަޅުގަނޑުމެން މި ޓައިމްލައިން އިއުލާނު ކޮށްލާއިރަށް، ސަރުކާރުން މި ޓައިމްލައިނާ އިދިކޮޅަށް އަލުން އިންތިޚާބާބެހޭ ގޮތުން އިންތިޚާބުގެ ތެރެއަށް އަތްފައި ބޭނުމުގެ ކަންތައްގަނޑު ހިންގައިގަންނާނެ. އެހެންވީމާ އަޅުގަނޑުމެން ވީހާވެސް މި ޓައިމްލައިން އިއުލާނު ކޮށްލީމަ ސަރުކާރުން މިއަށް ރިއެކްޓް ކުރަން މަޖުބޫރު ކުރުވޭނީ" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މިހާރު އޮތް ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމު ގަބޫލުނުކުރާ ސަރުކާރެއް ކަމަށާއި، މި ސަރުކާރުން ބޭނުން ވަނީ އެޓޮލްސް މިނިސްޓްރީ އުފައްދައިގެން އެ މިނިސްޓްރީން އަންގާ ގޮތަކަށް ކަންކަން ކުރަން ކަމަށެވެ. އަދި ކައުންސިލަރުން މަދުކުރުމަށްފަހު އެޓޮލްސް މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުންތަކެއް އައްޔަން ކުރަން ކަމަށެވެ.
ޝާހިދު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ބޮޑުތަނުން ބަލިވާނެ ކަަމަށެވެ.
"ކައުންސިލް އިންތިޚާބަށް ތައްޔާރުވާން ޖެހޭނީ ފިސާރި ކެރިގެން. އެންމެން އެކަތިގަނޑެއްގެ ގޮތުގައި ގެންގޮސް 20 ވަނަ އަހަރީ ދުވަހުގެ ހަދިޔާއަކީ އިންތިޚާބުގެ ކާމިޔާބީ ކަމަށް ހަދަންޖެހޭ" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ ކައުންސިލް އިންތިޚާބާބެހޭ ޚާއްސަ ޓައިމްލައިންގެ މަސައްކަތް ކުރި ކޮމިޓީގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.
"ވަރަށް ގިނަ މަސައްކަތްތަކެއް މި ކޮމިޓީން ކުރި. އަޅުގަނޑު ވަރަށް ގާތުން ދުށިން މި މަސައްކަތް ކުރެވެމުން ދިޔަތަން. އަދި ދެންމެ ކޮމިޓީގެ ނައިބު މުޤައްރިރު އެ ވިދާޅުވިފަދައިން މި އެޑްވައިޒަރީ ކޮމިޓީއަށް ގެންގޮސް އެކޮމިޓީގައިވެސް މިއާބެހޭ ގޮތުން ވާހަކަ ދެކެވި އެ ހުށަހެޅުނު ބައެއް އިސްލާހުތަކާ އެކުގައި މިހާރު އަޅުގަނޑުމެން ކުރިމަތީގައި މިވަނީ. އަޅުގަނޑު މި ލިޔުމަށް ބަލާލާއިރު މި އަޅުގަނޑުމެންގެ މިއަދުގެ ރިއަލިޓީއަށް އެޑްރެސް ކުރެވިގެން ގިނަބައެއްގެ ބައިވެރިވުން އޮންނާނެ ގޮތަށް ތައްޔާރު ކުރެވިފައިވާ ލިޔުމެއް" ޝާހިދު ވިދާޅުވިއެވެ.