މިއަދަކީ އެމްޑީޕީއަށް 20 އަހަރު ފުރޭ ދުވަސް ކަމަށްވެފައި، 20 ވަނަ އަހަރު އެމްޑީޕީ ކުރިމަތިލާ އެންމެ ބޮޑު އިންތިޚާބަކީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށްވާތީ، 20 ވަނަ އަހަރުގެ 20 ވަނަ އަހަރީ ހަދިޔާއަކަށް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އެ ޕާޓީގެ މެމްބަރުންނަށް މިއަދު އިލްތިމާސް ކުރައްވައިފިއެވެ.
20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ޝާހިދު ދެއްވި މެސެޖެއްގައި މިއަދު ވިދާޅުވީ، އެ ޕާޓީން 20 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރާއިރު، މިހާރު އޮތް "ޑިމޮކްރަސީއާ ބީރަށްޓެހި ސަރުކާރަށް" ކައުންސިލް އިންތިޚާބުގައި ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.
"ވިހި ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުން ގެންދާއިރު އަޅުގަނޑުގެ އިލްތިމާސްއަކީ މި ވިހި ވަނަ އަހަރަކީ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ އަހަރު ކަމަށްވާތީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ތިޔަ ހުރިހާ ބޭފުޅުން ނުކުމެވަޑައިގެން މިއަދު މިހިރަ ޚުދުމުޚްތާރު، ޑިމޮކްރަސީއާ ބީރަށްޓެހި ސަރުކާރު، ރައްޔިތުންގެ ތަރައްގީއަށް ހުރަސް އަޅަމުންދާ ސަރުކާރަށް ނޫނެކޭ ވިދާޅުވެ، އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކޮށްދެއްވާށޭ. އެމްޑީޕީގެ ވިހި ވަނަ އަހަރުގެ އަހަރީ ހަދިޔާއަކީ އެ އިންތިޚާބުގެ ފުރިހަމަ ނަތީޖާ ކަމަށް ހަދަމާތޯ" އެމްޑީޕީގެ މެމްބަރުންނަށް އިލްތިމާސް ކުރައްވައި ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ ދިވެހި ރައްޔިތުންނަށް އުންމީދު ގެނެސްދިން ޕާޓީ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވި ގޮތަށް ސިޔާސީ ހަޔާތް ބަދަލުކޮށްލި ޕާޓީއަކީވެސް އެމްޑީޕީ ކަމަށެވެ. އަދި އެމްޑީޕީން މިހާތަނަށް ރައްޔިތުންނަށް ކޮށްދީފައިވާ ކަންކަމުގެ ތަފްސީލުވެސް ވިދާޅުވެދެއްވިއެވެ.
"އެމްޑީޕީއަކީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅުވާލަދިން ޕާޓީ. އެމްޑީޕީއަކީ ބޯހިޔާވަހިކަން ރައްޔިތުންނަށް ހޯދައިދިން ޕާޓީ. އެމްޑީޕީއަކީ ރައްޔިތުން ބޭނުންވި ގޮތަށް ލާމަރުކަޒީ ނިޒާމު ގާއިމްކޮށްދިން ޕާޓީ. އެމްޑީޕީއަކީ އާސަންދައިގެ ޚިދުމަތް ހުސްނުވެ ރައްޔިތުންނަށް ލިބޭނެގޮތަށް ފަހިކޮށްދިން ޕާޓީ. ދޮށީ އުމުރުގެ ބޭފުޅުންނާއި އެކަނިވެރި މައިންނާއި ކުޑަކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހޯދައިދިން ޕާޓީ. ކުޑަރަށެއް ބޮޑުރަށެއް ތަފާތު ކުރުމެއް ނެތި ތަރައްގީގެ ވަސީލަތްތައް އެރަށްރަށަށް ގެންގޮސްދިން ޕާޓީ. އެމްޑީޕީއަކީ ރާއްޖޭގެ ފަޚުރުވެރި ދިދަ ދުނިޔޭގެ އެންމެ އުސް ކުންނަށް އުފުލާލަދިން ޕާޓީ" ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކޮށްފައިވާއިރު، އެންމެ ފުރަތަމަ މިއަދު އޮތީ ހެނދުނުގެ ސަޔާއެކު، ކޭކު ފެޅުމާއި ދިދަ ނެގުމުގެ ރަސްމިއްޔާތެވެ. އެ ޕާޓީން ބުނީ އިތުރު ހަރަކާތްތައްވެސް ރޭވިފައިވާ ކަމަށާއި، އެ ކަންކަން ކުރިއަށްދާނީ މުޅި އަހަރަށް ބަހާލައިގެން ކަމަށެވެ.