ފެށި ދަތުރު އަދި ނުނިމޭ، ކުރިއަށްދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި: ސޯލިހު

ފެށި ދަތުރު އަދި ނުނިމޭ، ކުރިއަށްދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި: ސޯލިހު

އެމްޑީޕީއަށް މިއަދު 20 އަހަރު ވިޔަސް، އެ ޕާޓީން ފެށި ދަތުރު އަދި ނުނިމޭ ކަމަށާއި، އެމްޑީޕީ ކުރިއަށްދާނީ ސަފުތައް ހަރުދަނާކޮށް، އެކަތިގަނޑެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ އެންމެ އިސް އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ޕާޓީގެ މެމްބަރުންނަށް މަރުޙަބާ ވިދާޅުވެ މިއަދު ސޯޝަލްމީޑިޔާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ސޯލިހު ވިދާޅުވީ، ޕާޓީގެ ހިތްވަރުގަދަ އެންމެހާ މެންބަރުންނަށާއި އަދި ޕާޓީއަށް ތާއީދު ކުރާ އެންމެހާ ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް މިއަދު ދަންނަވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ އަކީ ހިތްވަރާއި، އިސްލާހާއި އަދި ތަހުޒީބީ ޚިޔާލާއެކު ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފް ކުރުމުގެ ފަޚުރުވެރި ޕާޓީ ކަމަށެވެ. މީގެއިތުރުން އިންސާނީ ހައްގުތަކާއި، ސިޔާސީ މިނިވަންކަމާއި ވެރިކަމުގެ އެންމެހާ ކަންކަމުގައި ރައްޔިތުން ބާރުވެރި ކުރުމުގައި ފުރުސަތު ފަހިކޮށްދިން ޕާޓީ ކަމަށެވެ.

"ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދޭން އަޅުގަނޑުމެން 20 އަހަރު ކުރިން ފެށި މިދަތުރު އަދި ނުނިމޭ، ކުރަން ހުރި ކަންކަން ބައިވަރު، ޚުދުމުޚުތާރު ގޮށްމުށް ތަކުގެ ދަށަށް ޤައުމު އަނބުރާ ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޤައުމު އަމާން ބަނދަރަކަށް ގެންގޮސް ދިނުމަށް އެމްޑީޕީން ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި." ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމްޑީޕީ އަށް 20 އަހަރު ފުރުމާއި ގުޅިގެން، އެ ދުވަސް ފާހަގަ ކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތާއި ކޭކު ފެޅުމުގެ ރަސްމިއްޔާތުވެސް މިއަދު އެ ޕާޓީން ބާއްވާފައިވެއެވެ. އެމްޑީޕީގެ ހަރުގޭގައި ކުރިއަށްދިޔަ މި އިވެންޓުގައި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ގައުމީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އާންމު މެމްބަރުންވެސް ބައިވެރިއެވެ.

އެމްޑީޕީން ބުނީ 20 އަހަރު ފުރުމުގެ މުނާސަބަތުގައި ރާވާފައިވާ ހަރަކާތްތައް މި އަހަރުގެ ބާކީ މިއޮތް ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *