އެމްޑީޕީއަށް 20 އަހަރު- ޝާހިދު ހަނދާން އާކޮށްދެއްވީ ޕާޓީން ގެނެސްދިން މުހިންމު ސިޔާސަތުތައް

އެމްޑީޕީއަށް 20 އަހަރު- ޝާހިދު ހަނދާން އާކޮށްދެއްވީ ޕާޓީން ގެނެސްދިން މުހިންމު ސިޔާސަތުތައް

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީއަށް މާދަމާ 20 އަހަރު ފުރޭއިރު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހަނދާން އާކޮށްދެއްވީ، އެމްޑީޕީ އިން މިދިޔަ 20 އަހަރުގެ ތެރޭގައި ގެނެސްދިން މުހިންމު ސިޔާސަތުތަކާއި އޭގެން ލިބިގެންދިޔަ ފައިދާތަކެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވަނީ އެމްޑީޕީ އިން 20 އަހަރުގެ ތެރޭގައި ރައްޔިތުންނަށް ގެނެސްދިން ސިޔާސަތު ތަކުން ރާއްޖެއަށް ކުރި ހެޔޮ އަސަރުތައް ވިދާޅުވެދެއްވާފައެވެ. އަދި ވިދާޅުވީ އެމްޑީޕީ ނޫން ކޮންމެ ސަރުކާރެއް އަޔަސް، ރާއްޖެއަށް އެ ޕާޓީން ގެނެސްދިން ހެޔޮވެރިކަމުގެ ނިޒާމު ނައްތާލައި، "ބާރުތައް މުށުތެރެއަށް" ލައްވަން އުޅޭ ކަމަށެވެ.

ޝާހިދު، މިއަދު ހަނދާން ކޮށްދެއްވި މުހިންމު ސިޔާސަތު ތަކުގެ ތެރެއިން ފުރަތަމަ ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ވާހަކައެވެ. އަދި ބާރުތައް ވަކިކޮށް، ދައުލަތް ހިންގުމުގެ ރަނގަޅު ނިޒާމެއް އެމްޑީޕީގެ މަސައްކަތުން ގެނެސްދީފައިވާ ކަމަށް ވިދާޅުވިއެވެ.

"އެމްޑީޕީ ނޫން ބަޔަކާ ވެރިކަން ހަވާލުވާ ކޮންމެ ފަހަރަކު ބާރުތައް މުށުގެ ދަށަށް ގެނެސް، ކޮންޓްރޯލު ކުރަން މަސައްކަތް ކުރާތަން ފެނިގެން ދަނީ." ޝާހިދު ވިދާޅުވިއެވެ.

ދެން ފާހަގަ ކުރެއްވީ ދަތުރުފަތުރުގެ ނިޒާމެވެ. އެއްރަށް އަނެއް ރަށާ ގުޅުވާލުމަށް އެމްޑީޕީ އިން ފެށި ދަތުރުފަތުރުގެ ނިޒާމުގެ ވާހަކައެވެ.

"ރަށު ބަންދުން ވީއްލާ އެއްރަށުން އަނެއް ރަށަށް ގާއިމް ކުރެވިފައިވާ ނިޒާމެއްގެ ދަށުން ދިޔުމުގެ ފުރުޞަތު ހޯދައިދިނުމަކީ އެމްޑީޕީން ގެނެސްދިން ސިޔާސަތެއް. އެ ސިޔާސަތުން މިހާރު ރާއްޖޭގެ ރަށްތައް ގުޅުވާލެވިފައިވާކަން ފާހަގަ ކުރަން." ޝާހިދު ވިދާޅުވިއެވެ.

އެ ސިޔާސަތާއި ބެހޭގޮތުން އިތުރަށް ވިދާޅުވީ، އެމްޑީޕީ ފިޔަވައި، ސަރުކާރު ހިންގަން ހަވާލުވި އެއްވެސް ޕާޓީއަކުން އޭގެ ފުރިހަމަ މާނާގައި ރަށު ބަންދުން ރައްޔިތުން ވީއްލުމަށް މަސައްކަތް ނުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ބޯހިޔާވަހި ކަމުގެ ސިޔާސަތަކީވެސް އެމްޑީޕީ އިން ރާއްޖެއަށް ގެނެސްދިން ސިޔާސަތެއް ކަމަށާއި، އެމްޑީޕީ އިން ކުރި މަސައްކަތުން އެ ސިޔާސަތު މިއަދު ވެފައިވަނީ ކޮންމެ ޕާޓީއަކުން ސަރުކާރާ ހަވާލުވިޔަސް އެބަޔެއްގެ އެޖެންޑާގައި އޮންނަން މަޖުބޫރު ވެފައިވާ ސިޔާސަތަކަށް ކަމަށް ވިދާޅުވިއެވެ.

"ބޯހިޔާވަހި ކަމަކީ އެމްޑީޕީން ރައްޔިތުންނާ ހަމައަށް ގެނެސްދިން ސިޔާސަތެއް. އެ ސިޔާސަތުގައި މިއަދު ކޮންމެ ސަރުކާރެއް ވެރިކަމަށް އަޔަސް އެ ސަރުކާރަކުން އެޖެންޑާ ހުށަހަޅާއިރު އޮންނަން އެމްޑީޕީން މަޖުބޫރު ކޮށްފައި އެވަނީ" ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ހިލޭ ޑިގްރީގެ ސިޔާސަތާއި، ކުޑަރަށެއް، ބޮޑުރަށެއް ބެލުމެއް ނެތި އަސާސީ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ރަށަކަށް ދިނުމަކީ އެމްޑީޕީ އިން ގެނެސްދިން ސިޔާސަތުގެ ތެރެއިން އެމްޑީޕީގެ ފިކުރެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ.

ގެސްޓް ހައުސް ސިޔާސަތާއި، މަސްވެރިންނަށް ހައްގު އަގު ހޯދައިދިނުމުގެ މަގު ފަހިކޮށްދީ، ބާނާ މަސް ރާއްޖެއިން ބޭރުކުރެވޭނެ ގޮތް ހެދުމާއި، ބޭރު ދުނިޔެއާއި ގުޅި ލާމެހިފައިވާ ޚާރިޖީ ސިޔާސަތެއް ގާއިމްކޮށް، ބޭރު ދުނިޔޭގައި އިހްތިރާމް ލިބިފައިވާ ގައުމެއްގެ ޚާރިޖީ ސިޔާސަތު ގެނެސްދިން ޕާޓީއަކީވެސް އެމްޑީޕީ ކަމަށް ވިދާޅުވިއެވެ. އަދި ފާއިތުވީ 20 އަހަރު އެމްޑީޕީ ކުރި މަސައްކަތުން ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އޮތް ބިރުވެރިކަން ފިލުވާލަދިން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީ އިން ރާއްޖެއަށް ގެނެސްދިން ސިޔާސަތު ތަކުގެ ވާހަކައަށްފަހު ޝާހިދު ވިދާޅުވީ، އެމްޑީޕީ އިން ރާާއްޖެއަށް ގެނެސްދިން ރަނގަޅު ބަޔެއް ސިޔާސަތުތައް މިއަދުގެ ސަރުކާރުން ހަލާކުކޮށްލަމުންދާ ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލައި، ރަށްރަށުގެ ތަރައްގީ ހުއްޓި، އިގްތިސޯދު ފުނޑާލައިފި ކަމަށް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން އެމްޑީޕީއަށް 20 އަހަރު ފުރޭއިރު، ހިތާމަކުރަންޖެހޭ އެންމެ ބޮޑު ކަމަކީ މިއަދު އޮތް ސަރުކާރުން، އެމްޑީޕީން މި ގެނެސްދިން ކުރިއެރުންތައް ފަހަތަށް ޖައްސައި، ރާއްޖެ އެތައް ތަނަކަށް ފަހަތަށް ސޮއްސާލާފައިވާކަން" ޝާހިދު ވިދާޅުވިއެވެ.

މި ވާހަކަތަކަށް ފަހު، ޝާހިދު ވަނީ ސަރުކާރަށް އިލްތިމާސެއްވެސް ކުރައްވާފައެވެ.

"އަޅުގަނޑުގެ އިލްތިމާސްއަކީ އެމްޑީޕީގެ އަހަރީ ދުވަހު، ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް އަނެއްކާވެސް ބަލައި، ރާއްޖެ ހަމަމަގަށް އެޅުވޭނީ އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރޭގައި ކަމަށްވާތީ، މި ސިޔާސަތު ތަކަށް އެނބުރި ވަޑައިގަތުން." ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ އަހަރީ ދުވަހަކީ މާދަމާއެވެ. އެ ޕާޓީން ބުނެފައި ވަނީ އަހަރީ ދުވަސް ފާހަގަ ކުރުމަށް މާދަމާ ދިދަ ނެގުމުގެ ޚާއްސަ އިވެންޓަކާއި މެމްބަރުންގެ މެދުގައި ސަޔެއް އޮންނާނެ ކަމަށެވެ. އަދި މި އަހަރަށް ބަހާލައިގެން ޚާއްސަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *