??????

ޖެމްކިޔު ކުޅެގެން ފުލުހުންނާއި މެންބަރުންގެ މާލީ ހާލަތު ރަނގަޅު ވެއްޖެ: އައްބާސް

ޖެމްކިޔު ކުޅެގެން ފުލުހުންނާއި މެންބަރުންގެ މާލީ ހާލަތު ރަނގަޅު ވެއްޖެ: އައްބާސް

ޖެމްކިޔު ކުޅުގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފުލުހުންނާއި ސިފައިންގެ މާލީ ހާލަތު ވަނީ ރަނގަޅުވެފައި ކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

‎އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ 70 ޕަސަންޓް މެންބަރުން ޖެމްކިޔުއަށް އިންވެސްޓް ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންގެ 80 ޕަސަންޓުގެ އިތުރުން ދިވެހި އާބާދީގެ 70 ޕަސަންޓް ވަނީ ޖެމްކިޔުއަށް އިންވެސްޓް ކޮށްފައި ކަމަށް އައްބާސް ވިދާޅުވި އެވެ.

‎"ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ޖެމްކިޔުގެގެ ސަބަބުން ޖެމްކިޔު ބޭނުން ކުރައްވާ ބޭފުޅުންނަށް ބޮޑު ތަނުން ފައިދާވެ، ކަންމަތީ ފިހާރަ ތަކުގެ ދަރަނި ދައްކާ، ލުއި ލޯނުތައް ދައްކާ އެބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅު ވަމުން ދާކަން، އެކި މުނާސަބަތު ތަކުގައި ރަށްފުށުގައި ބާއްވާ އެކި އެކި ހަރަކާތް ތަކަށް ޖެމްކިޔުގެ ފަރާތުން ބޮޑެތި އަދަދު ތަކުން ސްޕޮންސަ ދެއްވާކަން،" އައްބާސް ވިދާޅުވި އެވެ.

‎އައްބާސް ވިދާޅުވީ ފުލުހުން ކިތަންމެ ވަރަކަށް ޖެމްކިޔުއާ ދެކޮޅަށް ނޫސްބަޔާން ނެރުނަސް ޖެމްކިޔުއަށް އިންވެސްޓްކުރާ މީހުންގެ އަދަދު ދާނީ އިތުރުވަމުން ކަމަށެވެ. އައްބާސް ވިދާޅުވީ ރައްޔިތުން ތިބި ހާލަތަށް ބަލާއިރު ޖެމްކިޔުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ފުރުސަތު އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

‎ޖެމްކިޔުއާ ދެކޮޅަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ފުލުހުން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖެމްކިއު ފަދަ އިންވެސްޓްމަން ސްކީމުތައް ހިންގަންވާނީ ސީއެމްޑީއޭގައި ރަޖިސްޓްރީކޮށް، ހުއްދަ ނަގައިގެން ކަމަށެވެ.

‎ނަމަވެސް ޖެމްކިއުގެ ނަމުގައި ހިންގާ ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސްކީމެއް ނޫން ކަމަށާއި އެހެން ކަމުން އެ ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށް ބުނެފައިވެ އެވެ.

 

‎އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފުލުހުން، ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުގެ އަލީގައި ޖެމްކިއުގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރު ކޮށްފައިވާ ކަމަށެވެ. އަދި އެ ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކްރިފްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށްވެސް ބުނެފައިވެ އެވެ.

"ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަން މި ފުރުސަތުގައި ހަނދާންކޮށްދެމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

‎އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސީއެމްޑީއޭ އާއި ފުލުހުން ގުޅިގެން އެ މައްސަލަ ބޭރުގެ އެޖެންސީ ތަކުގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސްކީމް ހިންގައި ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.

‎ޖެމްކިއު ޕްރޮމޯޓް ކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންނާއި ސީއެމްޑީއޭ އިން ބުނި އިރު، ޖެމްކިއުއަކީ ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެގެން ކުޅޭ އެއްޗެެކެވެ. އެގޮތުން ފުލުހުންގެ އެންމެ އިސްވެރިންގެ އެ ސްކީމުގައި ބައިވެރިވެ ނަފާ ހޯދާކަން އެނގިފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *