ސުޕްރީމް ކޯޓުން ހުސްވި ދެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެ ކޯޓަށް އައްޔަން ކުރަން ހައިކޯޓުގެ ފަނޑިޔާރު މުޙަންމަދު ސަލީމާއި، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަލީމާއި ހަމީދަށް ރުހުންދޭން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ ތެރެއިން 60 މެމްބަރުން ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވިއެވެ. އެއްވެސް މެމްބަރަކު ދެކޮޅަކަށްވެސް ވޯޓެއް ނުދެއްވައެވެ.
މަޖިލީހުގެ ރުހުން މިއަދު ދެއްވި ސަލީމާއި ހަމީދަކީ ޖޭއެސްސީންވެސް ފާސްކުރި ދެބޭފުޅުންނެވެ. އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންވެސް ފާސްކޮށްފައި ވަނީ އެ ދެބޭފުޅުންނަށް ރުހުންދޭށެވެ.
ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން މަދުވީ އެ ކޯޓުގައި ތިއްބެވި ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު، ފަނޑިޔާރުކަމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ.