ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވާކަމަށް، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ގައްސާން މިހެން ވިދާޅުވީ، ހަތިޔާރާއެކު ރާއްޖޭގައި އެތައްހާސް ސިފައިންނެއް ތިބިކަމަށް ވިދާޅުވެ، މިހާރުގެ ސަރުކާރުން ވެރިކަމަށް އައިއިރު ރާއްޖޭގައި އިންޑިޔާ ސިފައިން ތިބީ ހަތިޔާރާއެކުތޯ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ، ރާއްޖޭގައި އޭރު ހަރަކާތްތެރިވި އިންޑިޔާ ސިފައިން އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވާކަމަށެވެ. މީގެކުރިން ބަޔެއް ފަރާތްތަކުން ބުނަމުން ގޮސްފައި ވަނީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގައި ހަތިޔާރާއެކު އިންޑިޔާ ސިފައިން އެބަތިބި ކަމަށެވެ. ނަމަވެސް ޑިފެންސް މިނިސްޓަރު ގައްސާން މިއަދު ވަނީ އޭރު ދެކެވުނު އެ ވާހަކަތައް ދޮގު ކުރައްވާފައެވެ.
ރާއްޖޭގައި އޭރުތިބި އިންޑިޔާ ސިފައިންގެ އަދަދުވެސް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފައެވެ. މިނިސްޓާރު ވިދާޅުވީ، އިންޑިއާގެ 74 ސިފައިން އޭރު ރާއްޖޭގައި ތިބިކަމަށެވެ. ނަމަވެސް އިންޑިޔާ ސަރުކާރުން އެ އެންމެން އަނބުރާ ގެންގޮސްފައި ވާކަމަށްވެސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
އެ ސުވާލާ ގުޅިގެން ގައްސާން ވިދާޅުވީ، ރާއްޖޭގައި އޭރު ހަރަކާތްތެރިވި ހުރިހާ ސިފައިންނެއް ދެގައުުގެ ދެމެދުގައި އޮތް ގާތް ގުޅުުގެ ތެރެއިން އިންޑިޔާ ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އިންޑިއާއިން ގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި ސިފައިންގެ އަދަދު:
ހދ. ހަނީމާދޫން، 7 އޭޕްރީލް 2024 ގައި 12 ސިފައިން
9 އޭޕްރީލް 2024 ގައި 13 ސިފައިން
ލ.ކައްދޫން، 7 މެއި 2024 ގައި 13 ސިފައިން
9 މެއި 2024 ގައި 12 ސިފައިން
އައްޑޫ ސިޓީން، 7 މާޗް 2024 ގައި 12 ސިފައިން
9 މާޗް 2024 ގައި 12 ސިފައިން
މިނިސްޓަރު ވިދާޅުވީ، އެ ހުރިހާ ސިފައިން އިންޑިއާއިން އަނބުރާ ގެންދިޔައީ، ދެގައުމުގެ ދެމަދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ. އަދި މިހާރު އެއްވެސް ގައުމެއްގެ އަސްކަރިއްޔާއެއް ރާއްޖޭގައި ނޯންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.