ރައްޔތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން، 1 ގަޑިއިރުގެ ވަގުތެއް ދޭން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.
އިދިކޮޅު އެމްޑީޕީން އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، މިދިޔަ އޭޕްރީލް މަހުގެ 29 ގައެވެ.
މަޖިލިސް އިދާރާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
އެ މައްސަލަ ހުށަހެޅީ އޭޕްރީލް 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ ވެއްޓުނު މައްސަލައާ ގުޅިގެން އާންމުންގެ ގިނަބައެއްގެ ތުހުމަތު މިނިސްޓަރަށް އަމާޒުވާތީ ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 12 މެމްބަރުންގެ ސޮޔާއެކު ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، މަޖިލިސް ގަޥާއިދު ބުނާގޮތުން މަޖިލިސް ޖަލްސާގައި އެ މައްސަލަ ކުރިއަށް ގެންދާނެ ވަގުތު ކަނޑައަޅާނީ އާއްމު ކޮމިޓީންނެވެ.
އެކަމަށްޓަަކައި މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި، އެ މައްސަލައިގައި މެންބަރުން ބަހުސްކޮށް މިނިސްޓަރާ ސުވާލު ކުކުރުމަށް މެންބަރުންނަށް އެއް ގަޑިއިރުގެ ވަގުތެއް، އަދި މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަަށްވެސް އެއް ގަޑިއިރުގެ ވަގުތެއް ދިނުމަށް ހުށގެޅުއްވީ، ފޭދު ދެކުނު ދައިރާގެ މެނބަރު އިބްރާހިމް ދީދީއެވެ.
އެގޮތަށް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި މީގެ ކުރިންވެސް ކޮމިޓީން ނިންމާފައިވަނީ އެގޮތަށް ކަމަށެވެ. އަދި މިނިސްޓަރަށް އެއްގަޑިއިރު ދޭންޖެހެނީ، އެމަނިކުފާނު ބޭނުންވާ ވަރަށް ބޭނުން ވަގުތެއްގައި، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށްކަމަށްވެސް ވިދާޅުވިއެވެ.
މެންބަރުންނާ އެއްވަރަށް މިނިސްޓަރަށް ވަގުތު ދޭންޖެހެނީ، މެންބަރުންނަށް އެއްގަޑިއިރު އޮވެފައި، މިނިސްޓަރު ޖަވާބުދާރީ ވެވަޑައިގަތުމަށް ކުޑަވަގުތުކޮޅެއް ދޭނަމަ، މެންބަރުންގެ ގިނަ ސުވާލުތަކެއް އަންނައިރު، ޖަބާބުދާރީވާން ވަގުތު ނޯވެދާނެކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު އިބްރާހިމް ދީދީގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއުއެވެ.
އެގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.