‏ޝާހިދު، ރައީސް މުއިއްޒަށް- ވެމްކޯއިން ވަކިކުރި ދެ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ދެއްވާ

‏ޝާހިދު، ރައީސް މުއިއްޒަށް- ވެމްކޯއިން ވަކިކުރި ދެ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ދެއްވާ

އެމްޑީޕީގެ ރައީސް ދާދިފަހުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، އެމްޑީޕީގެ ޓީމަށް މަރުޙަބާ ކިޔުމަށް އެއާރޕޯޓަށް ގޮސްތިބި ވެމްކޯގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، އެ ދެ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ދިނުމަށް ރައީސް ޑރ. މުޙަންމަދު މުއިއްޒަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ވެމްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި މޫސާ މުހައްމަދު އާއި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމުގައި ހުރި މުހައްމަދު އަފްޒަލް މިއަދު ވަޒީފާއިން ވަކިކޮށްފައި ވާތީ ޝާހިދު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ އެމްޑީޕީގެ ޓީމަށް އެއަރޕޯޓުން މަރުޙަބާ ކިޔަން ތިބުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، މިއީ އިންސާފުން އެއްކިބާވެފައިވާ އަދި ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ އަސާސީ ހައްޤަށް އަރައިގަތުމުގެ ޢަމަލެއް ކަމަށެވެ. އަދި  މިއީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

"މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރި ކުރުމަށް ގޮވާލާ މަސައްކަތްތެރިންގެ ދުވަހާއި ދިމާކޮށް މަސައްކަތްތެރިންގެ ހައްޤުތަކަށް މިފަދައިން ސަރުކާރުން އަރައިގަތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް. އަދި މިފަދަ ކަންކަމަކީ އާއްމު ކަމަކަށް ވެގެން ދިޔުމަކީވެސް ކަންބޮޑުވާންޖެހޭ ކަމެއް. މިއީ އަޅުގަނޑުމެން ވަރިހަމަކޮށްލައިގެން ތިބެން ޖެހޭކަހަލަ ކަންކަމެއް ނޫން. ‏ސަރުކާރުން ވެމްކޯގެ މި މުވައްޒަފުންގެ ވަޒީފާ އިއާދަކޮށްދިނުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒުއަށް އަޅުގަނޑު ގޮވާލަން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ މަސައްކަތްތެރިންގެ ހައްޤުގައި ސުލްޙަވެރިކަމާއެކު ތެދުވުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

އައްޑޫ ސިޓީގެ ވެމްކޯގެ ދެ މުވައްޒަފަކު އެމްޑީޕީގެ ސިޔާސީ ހަރަކާތެއްގައި ބައިވެރި ވެގެން މިއަދު ވަޒީފާއިން ވަކިކުރިއިރު، މީގެކުރިން އެމްޑީޕީގެ ޖަލްސާއެއްގައި ޤުރުއާން ކިޔަވައިގެން އެޗްޑީސީގެ މުވައްޒަފަކުވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *