އެމްޑީޕީގެ މެމްބަރުން ތިބީ އަނެއްކާވެސް އެމްޑީޕީއާއެކު ތަރައްގީގެ ރަން ޒަމާނެއް ގެންނަން ތައްޔާރަށް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ މީދޫގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށްފަހު ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ސަފުތައް އަނެއްކާވެސް ރުކުރުވާލުމުގެ މަޝްވަރާތައް ކުރެއްވި ކަމަށާއި، އައްޑޫ މީދޫގެ އެމްޑީޕީގެ މެމްބަރުން ތިބީ މިއަދުގެ ސަރުކާރުގެ އަނިޔާވެރިކަން ނިންމަން ކަމަށެވެ.
"އެމްޑީޕީގެ މެމްބަރުން މިއަދުގެ ސަރުކާރުގެ އަނިޔާވެރިކަން ނިންމައި، އަނެއްކާވެސް އެމްޑީޕީއާއެކު ތަރައްގީގެ ރަން ޒަމާނެއް ގެންނަން ތައްޔާރު" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ދިވެހިރާއްޖެ އިސްލާހުގެ މަގަށް އަނެއްކާވެސް ގެންދާނީ އެމްޑީޕީ އިން ކަމަށެވެ.
އައްޑޫ ސިޓީއަށް ޝާހިދު މިހާރު ކުރައްވާ ދަތުރުފުޅުގައި މީދޫގެ އިތުރުން ހުޅުދޫ އާއި ހިތަދޫ ދެކުނު ދާއިރާ އާއި ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރުންނާވެސް ވަނީ ބައްދަލު ކުރައްވައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.