ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާންގެ "ވީޑިޔޯއެއް" ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ އަތުގައި އޮތް ކަމުގެ މައުލޫމާތު ލިބުނު ހިސާބުން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކުރުމުގެ މަސައްކަތް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާން ފެއްޓެވި ކަމަށް އާއިލާއިން ބުނެފިއެވެ.
އިއްޔެ ހޯމް ލޭންޑް މިނިސްޓަރު، ރައްޔިތުންގެ މަޖިލީހުގައި ޝަމްއާނާއި ބެހޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެން އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަމްއާން މަގާމުން ވަކިކޮށް ހައްޔަރު ކުރުމަކީ އިއްތިފާގެއްނޫން ކަމަށެވެ. ޝަމްއާން ހައްޔަރު ކުރުމުގެ ކުރިން ހިނގައިދިޔަ ކަންކަމުގެ ތުހުމަތު އާއިލާއިން އަޅުވަނީ އިހްސާންގެ ބޮލުގައެވެ.
އާއިލާއިން ބުނީ ޝަމްއާން ވަކިކުރުމުގެ އެއްދުވަސް ކުރިން، މިނިސްޓަރު އިހްސާނާ ގުޅުން އޮންނަ ބަންގްލަދޭޝް މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. ބަންގްލަދޭޝް މީހާ ބަންދު ކުރުމުން އިހްސާން ޝަމްއާނަށް ގުޅި ކަމަށާއި، އަދި ބަންގްލަދޭޝް މީހާގެ ފޯނު ވަކި ފުލުހަކާ ހަވާލުކުރަން އިހްސާން އެންގެވި ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ރަސްމީކޮށް ނޯޓަކުން އެގޮތަށް އިހްސާން އެގޮތަށް އެންގެވުމުގެ ކުރިން އެކަން ނުކުރައްވާނެ ކަމަށް ޝަމްއާން ވިދާޅުވުމުން، ޝަމްއާންއާއި ދިމާލަށް ފޯނުން އިހްސާން ހަޅޭއްލެވި ކަމަށްވެސް އާއިލާއިން ބުނެއެވެ.
އާއިލާއިން ތުހުމަތު ކުރަނީ އިމިގްރޭޝަނުން ބަންދުކުރި ބިދޭސީ މީހާއަކީ ހޯމް ލޭންޑް މިނިސްޓްރީ ތެރޭގައި ކޮރަޕްޝަނުގެ މުއާމަލާތް ކުރަމުން އަންނަ މީހެކެވެ. އަދި ޝަމްއާން ހައްޔަރުކުރީ ވަޒީރު އިހްސާންގެ ކޮރަޕްޝަންތައް ފޮރުވުމަށް ކަމަށްވެސް އާއިލާއިން ތުހުމަތު ކުރެއެވެ.
އާއިލާއިން ބުނީ ޝަމްއާން މަގާމުން ދުރުކުރުމަށް އިހްސާން މަސައްކަތް ފެށި ސަބަބު ތަކުގެ ތެރޭގައި އިހްސާންގެ ވީޑިޔޯއެއް ޝަމްއާން އަތުގައި އޮތުންވެސް ހިމެނެއެވެ. އާއިލާއިން ބުނީ ޝަމްއާން ހައްޔަރު ކޮށްފައި ވަނީ ދޮގު ތުހުމަތުތަކެއްކޮށް، ސައްޙަ ނޫން ހެކި އުފައްދައިގެން ކަމަށެވެ.
އާއިލާއިން މިފަދަ ތުހުމަތުތަކެއްކޮށް ބަޔާން ނެރުނުއިރު، އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހްސާން ވިދާޅުވީ ޝަމްއާން ހައްޔަރު ކޮށްފައި ވަނީ ސާބިތުކުރެވޭ ވަރުގެ ހެކި ލިބުމުން ކަމަށެވެ. އަދި ޝަމްއާން ހައްޔަރު ކޮށްފައި ވަނީ ފްރޭމް ކޮށްގެން ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.