ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ ދޮށީ ފިރިގެން ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް، އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާާޕާސަން ފައްޔާޒް އިސްމާއީލް އަދި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ކުރި ދައުވާއަށް، ޕާޓީ އާއި އެބޭފުޅުންގެ ދިފާއުގައި، ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހު (އިބޫ) މިރޭ ރައްދު ދެއްވައިއެވެ.
އެކްސްގައި މިރޭ އިބޫ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި ޕާޓީގެ އިސް ޚިދުމަތްތެރީންގެ މައްޗަށް ސިޔާސީ ބޭނުމަށް އެކި ނަންނަމުގައި ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް ކަމަށެވެ.
އިބޫ ވިދާޅުވީ މިއީ އެމްޑީޕީއަށް އާކަމެއްވެސް ނޫން ކަމަށާއި، އެފަދަ ކަމަކުން އެމްޑީޕީ ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި، ބަދަހިކޮށް އަދި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ކުރާ މަސައްކަތްތައް ދާނީ ކުރިއަށް" އިބޫ ވިދާޅުވިއެވެ.
އެމްޑީޕީ އާއި ފައްޔާޒް އަދި މަންދީގެ މައްޗަށް މި ދައުވާތައް ކުރައްވަނީ ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙަންމަދުގެ ފަރާތުންނެވެ. އެއީ ހުސްވި ރޯދަ މަހު އެމްޑީޕީން ބޭއްވި މުޒާހަރާގައި ރައީސްގެ ދަރިކަލެއްގެ ކަރާމާތަށް ގެއްލުންވާ ފަދަ ވާހަކައެއް މަންދީ ދެއްކި ކަމަށް ބުނެއެވެ. މި މައްސަލައިގައި އެމްޑީޕީއަށް ދައުވާ ކުރަނީ އެއީ ޕާޓީން ރާވައިގެން ހިންގި ހަރަކާތަކަށްވާތީ ކަމަށާއި، އަދި ފައްޔާޒަށް ދައުވާ ކުރަނީ މަންދީއަށް ހިތްވަރުދީ ޓްވީޓު ކުރުމުން ކަމަށް ސާޖިދާގެ ފަރާތުން މީގެކުރިން ވަނީ ހާމަ ކުރައްވާފައެވެ.