ޒަކާތު ފަންޑުން ޚަރަދުދޭ ގޮތަށް ގިނަ ދާއިރާ ތަކަކުން ސްކޮލަޝިޕްތަކެއް ހަމަޖައްސައި ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މީޑިޔާތަކާ ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޒަކާތު ފަންޑުން ހުޅުވާލާ ސްކޮލަޝިޕްތަކުގެ ތެރޭގައި ހިމެނޭނީ އިސްލާމީ ދާއިރާތައް ކަމަށެވެ. އެގޮތުން އެ ދާއިރާތަކުން މާސްޓާސް އާއި ޕީއެޗްޑީގެ ފުރުޞަތުތައްވެސް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މެޑިސިންގެ ދާއިރާއިން ސުޕާ ސްޕެޝަލިސްޓުން ނެތް މުހިންމު ދާއިރާތަކަށްވެސް ޒަކާތު ފަންޑުން މާލީ އެހީތެރިކަން ދޭން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ޒަކާތު ފަންޑުގެ ދަށުން ޚަރަދުކުރާ ސްކޮލަޝިޕްތަކުގެ އިތުރުންވެސް، ޒަކާތު ފަންޑުގެ ފީސަބީލިﷲ ބައިންވެސް ފުރުޞަތުތަކެއް ހުޅުވާލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ މިސްރު، ސައުދީއަރަބިއްޔާ ފަދަ އިސްލާމީ ގައުމުތަކުގައި އަމިއްލަ ޚަރަދުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ މާލީ އެހީތެރިކަމެކެވެ.