އިޒްރޭލުގެ ޕާސްޕޯޓް ރާއްޖެއިން މަނާ ކުރުން ރާއްޖެއިން އަވަސް ކުރުމަށް ގޮވާލައި މިއަދު އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަނެއްކާވެސް ބޭރުކޮށްލައިފިއެވެ.
މިއަދުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށަހެޅީ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރެވެ. މައުރޫފްގެ ކުއްލި މައްސަލަ ބޭރުކޮށްލަމުން ރިޔާސަތުން ވިދަޅުވީ އެ މައްސަލަ، ކުއްލި މައްސަލަ ހުށަހެޅުމުގެ ގަވައިދާ ޚިލާފު ކަމަށެވެ.
މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވީ ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ. ނާޒިމް ވިދާޅުވީ ކުއްލި މައްސަލައެއް ހުށަހެޅޭނީ ގައުމުގެ މަސްލަހަތަށް އަސަރުކުރާނެ ފަދަ ކުއްލި ކަމެއް ދިމާވެގެން އުޅޭނަމަ ކަމަށެވެ.
މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިސްރާއީލުގެ ޕާސްޕޯޓް މަނާ ކުރުމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 2 ދުވަހު, ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަޙްމަދު ނަސީމު އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހެޅުމާއެކު ހަމަ އެ ދުވަހު ވަޒީރުންގެ މަޖިލީހުން އެކަން ކުރުމަށް ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އަމަލީ ސިފަ ޖެހިފައިނުވާ ކަމަށެވެ. ނާޒިމް ވިދާޅުވީ އެ ސަބަބުތަކާހުރެ މައުރޫފް ކުއްލި މައްސަލަ ޝަރުތު ހަމަނުވާ ކަމަށެވެ.